ފައިޒަން ހޭންޑްޕޭން ޑްރަމާ އެކު: މި އިސްޓްރޫމަންޓް ރާއްޖެ އަށް ތައާރަފު ކުރީ އޭނަ.
30 އޮކްޓޯބަރ 2017 - 06:39
ރާއްޖޭގެ މަޝްހޫރު ޑްރަމާ އަދި ރާއްޖެއަށް ހޭންޑްޕޭން ޑްރަމް ތައާރަފުކުރި އަހުމަދު ފައިޒަންގެ ހޭންޑްޕޭން ވީޑިއޯ "ހޭންގް އިން ދެއާ" އަށް ނިއު ޔޯކް އާޓިސްޓް މެނޭމަންޓް ފާމެއް ކަމަށްވާ ޑިޖް ޕްރޮޖެކްޓުގެ "ދަ ބެސްޓް ހޭންޑްޕޭން ވީޑިއޯސް އޮފް 2016" ގެ ލިސްޓްގެ ދެ ވަނަ ލިބިއްޖެ އެވެ.
އޭނާ ހޭންޑްޕޭން ކުޅެމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ. އަދި އޭގެ އަޑުތަކާ އެކު ފައިޒަން މިހާރު އަންނަނީ މިއުޒިކީ އަޑުތައް އިތުރަށް ފުރިހަމަކޮށް، ފުޅާކުރެވޭތޯ ވެސް މަސައްކަތް ކުރަމުންނެވެ.
ފައިޒަން ބުނީ ހޭންޑްޕޭން ކުޅެން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އިސްޓްރޫމަންޓްގެ އަޑުތަކާ އެކު ތައްޔާރު ކުރި ވީޑިއޯއެއް ބައިނަލްއަގްވާމީ ގޮތެއްގައި ފާހަގަވެގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ހާއްސަކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޭންޑްޕޭން ޑްރަމް ކުޅޭ ފަންނާނުންގެ ތެރެއިން ފުރާނަލެވިގެން އެކުލަވާލި ލިސްޓެއްގެ ދެވަނަ މަގާމު ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށް ބުންޏެވެ.
"އަސްލު ވަރަށް އަންއެކްސްޕެކްޓެޑް ކަމެއް މިއީ. ލިސްޓްގައި ނަން ހިމެނުނުކަން އެނގުނީ ޑިޖް ޕްރޮޖެކްޓްގެ އޮފިޝަލަކު ފައިޒަންގެ މަސައްކަތް ފާހަގަކޮށް، އެ ވާހަކަ ދެއްކިތާ ވެސް މާ ގިނަ ދުވަސްތަކެއް ނުވެ. އުންމީދު ނުކޮށް ހުއްޓައި މިކަހަލަ އެޗީވްމަންޓެއް ލިބުނީމަ ވަރަށް ހިތްހަމަޖެހިފައި މިހުރީ،" ފައިޒަން ބުންޏެވެ.
ހޭންޑްޕޭން ހުނަރު ދައްކައިލާ "ހޭންގް އިން ދެއާ" އަކީ މިކަހަލަ ކަމަކަށް އުންމީދު ކޮށްގެން ކުރި ކަމެއް ނޫނެވެ. އެކަމަކު ޔޫޓިއުބްގެ ތެރެއިން ފައިޒަންގެ މި މަސައްކަތް ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޑްރަމް ކޮމިއުނިޓީ "ޑްރަމް ޓޯކް ޓީވީ" ގައި ވެސް ފައިޒަންގެ ދެ ވީޑިއޯއެއް ޝެއާކޮށް، އެއަށް އެތައް ބަޔަކު ލައިކްދީ، އަދި ކޮމެންޓް ވެސްކޮށްފައިވެ އެވެ.
ފައިޒަން ބުނީ އެންމެ އުފާވި ކަމަކީ ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމެއްގެ ފަންނާނެއްގެ ހުނަރު އެތައް ބައެއްގެ ތެރެއިން ފާހަގަވުން ކަމަށެވެ. އޭނާ އަށް ލިސްޓުން ލިބުނު ޖާގައާ އެކު އިތުރަށް ކުރިއަށް ދާނެ ފުރުސަތުތައް ހޯދައި ދީ، ޕްރޮމޯޓްކޮށް ދިނުމުގެ މަސައްކަތް ޑިޖުންކޮށް ދޭނެ އެވެ.
ފައިޒަންގެ ވީޑިއޯއެއް "ޑްރަމް ޓޯކް ޓީވީ" ކޮމިއުނިޓީގައި.
"ފައިޒަންގެ ނަން މިއަށް އައުމަކުން ނޫން އަސްލު ބޮޑަށް އުފާވީ. މި ކުޑަކުޑަ ރާއްޖޭގައި ވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކަހަލަ މަސައްކަތްތަކެއް ކުރޭވެނެ ބަޔަކު ތިބިކަން ފާހަގަކުރީމަ އެންމެ ބޮޑަށް ހިތްހަމަޖެހުނީ،" އޭނާ ބުންޏެވެ.
ފައިޒަން ފިޔަވައި ހޭންޑްޕޭން ޑްރަމް ރާއްޖޭގައި މިއުޒިކް ކުޅޭ އެއްވެސް ބަޔަކު ބޭނުމެއް ނުކުރެ އެވެ. އެހެންވެ މިއީ އަދިވެސް ރާއްޖެ އަށް ވަރަށް އާ އިންސްޓްރޫމަންޓެކެވެ. މިއީ ދުނިޔޭގައި މިހާރު މަޑުމަޑުން މަގުބޫލުވަމުން އަންނަ އެއްޗެކެވެ.
"ބައެއް ރިސޯޓްތަކުގައި ޝޯ ދޭ އިރު މީތި އެބަ ބޭނުންކުރަން. ޓޫރިސްޓުންނަށް ވަރަށް ރިލެކްސްވެގެން ތިބެ، އަޑު އަހާލަން ކަމުދާ ކަހަލަ ސޫތިން މިއުޒިކެއް ގެނެސްދޭ އެއްޗެއް މިއީ،" ބޭންޑްތަކާ އެކު އާންމުކޮށް ރިސޯޓްތަކުގައި މިއުޒިކް ކުޅޭ ހުނަރުވެރިޔާ ބުންޏެވެ.
އޭނާ ބުނީ ހޭންޑްޕޭން ޑްރަމް ދަސްކުރަން ބޭނުންވާ ޒުވާނުންނަށް އެ ހުނަރު ދަސްކޮށް ދޭން ހުރީ ތައްޔާރަށް ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް އެ އިންސްޓްރޫމަންޓް ޝޯތަކުގައި ބޭނުން ކުރާ މިންވަރު އިތުރު ކުރާނެ ކަމަށް ބުންޏެވެ.
"އަންނަ މަހު ބާއްވާ ދެ އިވެންޓެއްގައި ވެސް ހޭންޑްޕޭން ޑްރަމް ބޭނުންކޮށްގެން މިއުޒިކް އެބަ ކުޅެން. މިހާރަށް ވުރެ ބޮޑަށް މީތި ގިނަ ބަޔަކަށް އެނގެން ވަރަށް ބޭނުން." ފައިޒަން ބުންޏެވެ.
ޑިޖުން "ދަ ބެސްޓް ހޭންޑްޕޭން ވީޑިއޯސް އޮފް 2016" އެކުލަވައިލީ ހޭންޑްޕޭން ޑްރަމް ކުޅޭ އުކުޅުތަކާއި އޭގެ ހުނަރު ދައްކައިލާ ގޮތާއި އެއިން އުފައްދާ މިއުޒިކާއި އެ އާންމުންނަށް ހުށަހަޅައިދޭ ގޮތަށް ބަލައިފަ އެވެ. ލިސްޓްގައި ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ފަންނާނުން ހިމެނެ އެވެ.
އެގޮތުން ލިސްޓްގެ އެއްވަނާގައި އޮތީ ސޭމް މެހެރްގެ ފްރެމެންޓްލް ހޭންޑްޕޭން ވީޑިއޯ އެވެ. ލިސްޓްގެ ތިން ވަނާގައި އޮތީ ޖަޕާންގެ އަންހެން ފަންނާނެއް ކަމަށްވާ ޔުކީ ކޮޝިމޯޓޯގެ 60 ސެކަންޑް ހޭންޑްޕޭން ޗެލެންޖެވެ.
މި ފަންނާނުންތަކާ އެކު "ދަ ބެސްޓް ހޭންޑްޕޭން ވީޑިއޯސް އޮފް 2016" ގެ ގަދަ 15 ގައި ދެން ހިމެނޭ އާޓިސްޓުންނަށް ބަލާ އިރު ހަތަރު ވަނާގައި "ޓޮކާ" އާ އެކު ފިލިޕް ގެގްން އޮތް އިރު، ފަސް ވަނާގައި އޮތީ ޑެނިއަލް ވެޕްލްސް އާއި މޮންޓްރީ ތާލަވައްޓަމްގެ އޮސްޓްރިއާ ހޭންޑްޕޭން 2016 އެވެ.
ލިސްޓްގެ ހަ ވަނާގައި ޔަޓާއޯ އާއި ޕްރަގް ހިމެނިފައިވާ އިރު، ވަސިލިސް ވަސިލޯ އޮތީ "ކެރޮލް އޮފް ދަ ބެލްސް" އާ އެކު ހަތް ވަނައިގަ އެވެ. އަދި ލިސްޓްގެ ފަހެއްގައި އޮތް ޑެނިއަލްގެ ވީޑިއޯ ވަނީ ލިސްޓްގެ އަށް ވަނަ ވެސް ދިފާއުކޮށްފަ އެވެ.
ނުވަ ވަނާގައި ނަޑިޝަނާ އޮތް އިރު، 10 ވަނައިން ޖާގަ ހޯދީ ނަޑަޔާނާ އެވެ. އެގާރަ ވަނާގައި އޮތީ ބަބަލް އިން ހަންގޭރީ އެވެ. ލިސްޓްގެ 12 ގައި ޖެން ބެރޮން އޮތް އިރު، 13 ގައި އޮތީ ހޭންގް މެސިވް އެވެ. ސާދާގައި މުމިން އޮތް އިރު، 15 ވަނާގައި އޮތީ ގެބްރިއެލް ޕޮލީނާ އާއި އެޑްރިއަން ޕޯޓިއާ އެވެ.
ލިސްޓްގެ 16 ވަނަ އިން ގުސްޓާވޯ ސިމާން ޖާގަ ހޯދި އިރު، 17 ވަނާގައި އޮތީ ކަބެކާއޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލްޖިބްރާ
30 October 2017
ތިއީކީ އަލަށްކުރިކަމަކަށް ނުވިތާ ! ތިގޮތަށް ކޭކުއަޅާ މީހުނާއި ، ވެޑިންޑްރެސް ފަހާމީހުން ފަދަ މީހުން އެމީހަކު ކުރާކަމަކުން އެކިކަހަލަ ވަނަތައް ހޯދާފަ އެބަހުރި !
ކެމިސްޓްރީ
01 November 2017
ކާކުތަ ބުނީ އަލަށް ކުރިކަމެކޭ؟ އެކަމަކު މިފަންނުވެރިޔާއަކީ ރާއްޖޭގަ މިވަގުތު މިއިންސްޓްރުމަންޓު ކުޅޭ ހަމައެކަނި މީހާ! ބަޔަކު އޭނާގެ ހުނަރު ބަލައިގަނެފި، ފާހަގަވެސްކޮއްފި. މަރުހަބާ ކިޔާލާނެ ހިތްވަރު ނެތިއްޔާ އެއްޗެއް ނުބުނެ ހިމޭނުން ހުރުން ބުއްދިވެރި. ދިރިހުރުމާ ދިރިއުޅުމަށްވެސް ރަގަޅު ކެމިސްޓްރީއެއް ބޭނުންވޭ، ހުސްއެކަނި އަލްޖިބްރާއަކުން ނުފުދޭނެ ދޮންކަލޯ!
ރުޅި
30 October 2017
ތިދެން މާ މޮޅު އެއްޗެއްތަ..................
ދަސްކުރާ
01 November 2017
ތިމާޔަށް ނޭގޭކަން ނޭގުމަކީ ނުރައްކާތެރިކަމެއް، ނިކަމެތިކަމެއް އަދި އެހާމެ ލަދުވެތިކަމެއް!
ރަބަރު
30 October 2017
ވަރަށް ބޮޑަށް މަރުހަބާ އާއި ތަހުނިޔާ