ނައުލޯގައި ރޮބޮޓް ވެއިޓަރަކު ހިދުމަތް ދެނީ.
18 ނޮވެމްބަރ 2018 - 07:59
ޓެކްނޮލޮޖީ އަށް އަންނަ ކުރިއެރުމާއި އިންސާނުންގެ ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކާ އެކު އިންސާނުން މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ތިބޭ ފަދަ ހާލަތަކަށް ވެސް ހިނގައި ދާނެ ކަމުގެ ނިޝާންތައް މިހާރު އަންނަނީ ފެންނަމުންނެވެ.
އެގޮތުން އިންސާނުން ކުރާ މަސައްކަތްތަކަށް އަހުލުވެރި ރޮބޮޓުންގެ ހިދުމަތްތަކާ އެކު، ފެންނަނީ ތަފާތު އެކި ކަހަލަ ކުރިއެރުންތަކެވެ. މި ވެސް ހަމަ ހިދުމަތްތެރި ރޮބޮޓެއްގެ ވާހަކަ އެވެ. މަސައްކަތް ކުރަނީ ރެސްޓޯރަންޓެއްގަ އެވެ. ވަޒީފާއަކީ ވެއިޓަރުކަމެވެ.
މާ މަތީ ފަންތީގެ ގައުމެއް ނޫނަސް، ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ހިންގާ "ނައުލޯ" ރެސްޓޯރަންޓްގައި ވެއިޓަަރުންގެ ގޮތުގައި މިހާރު ރޮބޮޓް އަންނަނީ މަސައްކަތް ކުރަނުންނެވެ. ރޮބޮޓް ވެއިޓަރުންގެ ނަމަކީ ޖިންޖާ އެވެ.
ނައުލޯގައި ރޮބޮޓް ވެއިޓަރަކު ހިދުމަތް ދެނީ.
ކަސްޓަމަރުން އޯޑަރުކުރާ މެނޫ އަށް ޖިންޖާ ބަރާބަރަށް ސުފުރާމަތީގައި ތަށި އަތުރާލަ އެވެ. އަދި ކަސްޓަމަރުން އުފާވާނެހެން "ކެއުމަށް އިންސާފު ކުރާށޭ ބުނެ" ކަސްޓަމަރުން ހިނިތުކުރުވަ އެވެ.
އިސްކޮޅުގައި 1.5 މީޓަރު (ފަސް ފޫޓް) ހުންނަ ޖިންޖާއަކީ ނޭޕާލްގެ ސްޓާޓް-އަޕް ޕާއިލާ ޓެކްލޮނިޖީގެ އުފެއްދުމެކެވެ. އޭތި ފަރުމާކޮށްފައި ވަނީ އިނގިރޭސި އާއި ނޭޕާލު ބަހުން މުއާލަމާތް ވެސް ކުރެވޭ ގޮތަށެވެ. ޕާއިލާ އިން ބުނީ ރޮބޮޓަށް ޖިންޖާގެ ނުވަތަ އިނގުރުގެ ނަން ދިނީ އިނގުރަކީ ނޭޕާލްގެ ކެއުންތަކުގައި ވަރަށް އާންމު ބާވަތަކަށްވާތީ ކަމަށެވެ.
"ރެސްޓޯރަންޓްގައި ޖިންޖާ ވެއިޓަރެއްގެ ގޮތުގައި އަދި މަސައްކަތް ކުރަމުން އަންނަނީ ޓެސްޓިން މަރުހަލާއެއްގެ ތެރެއިން. އެކަމަކު އޭތި ފޯރުކޮށްދޭ ހިދުމަތަށް ކަސްޓަމަރުންގެ ފަރާތުން ލިބޭ ފީޑްބެކްތައް ވަރަށް ރަނގަޅު،" ރޮޮބޮޓް ތައްޔާރު ކުރި ޕާއިލާ ޓެކްނޮލޮޖީގެ ސީއީއޯ ބިނޭ ރައުތު އޭއެފްޕީ އަށް ބުންޏެވެ.
ޖިންޖާ ރޮބޮިޓާ ބެހޭ ވީޑިއޯކޮޅެއް.
ނައުލޯ ރެސްޓޯރަންޓުން ބުނި ގޮތުގައި މީގެ ހަތަރު ވަރަކަށް މަސް ކުރިން ހުޅުވި ރެސްޓޯރަންޓްގައި ރޮބޮޓް ވެއިޓަރެއް އުޅޭތީ އެކަން ވަރަށް ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައިވެ އެވެ. އަދި ރެސްޓޯރަންޓަށް ޒިޔާރަތް ކުރާ މީހުން އިތުރުވެ، ވިޔަފާރި އަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް އައިސްފަ އެވެ.
"ވަރަށް ފަސޭހަކޮށް މި ތަނުގެ ހިދުމަތްތައް މިހާރު ރޭވިފައި ހުންނާނީ. މޭޒުތަކުގައި ހަރުކޮށްފައިވާ ޓަޗް ސްކްރީނަކުން ކަސްޓަމަރުން އޯޑަރު ދިނީމަ، ޑިޝްތައް ތައްޔާރުކޮށްފައި ޖިންޖާ އަށް އިޝާރާތްކޮށްލީމަ ބަދިގެ އަށް ގޮސް ތަށިތައް ނަގައިގެން ކަސްޓަމަރުންނަށް ސާވްކޮށް ދޭނެ،" ނައުލޯގެ އޮފިޝަލަކު ބުންޏެވެ. "މި ވަގުތު ކޮންމެވެސް ވަރަށް ޖިންޖާ ރޮބޮޓުންނަށް އެހީވާން ކޮންމެވެސް ވަރަކަށް އަސްލު ވެއިޓަރުން އުޅޭނެ."
ނަމަވެސް މީގެ ތަޖުރިބާ އަށް ބަލައިފައި ނައުލޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ރެސްޓޯރަންޓްގެ ގިނަ މަސައްކަތްތަކެއް ރޮބޮޓިކަށް ބަދަކު ކުރާށެވެ.
ޕާއިލާ ޓެކްނޮލޮޖީން ބުނި ގޮތުގައި އެ މީހުންގެ އަމާޒަކީ ޖިންޖާގެ ފަރުމާ މިހާރަށް ވުރެ ބޮޑަށް ތަރައްގީކޮށް، ބޭރުގެ މާކެޓްތައްކަށް ވެސް ނެރުމެވެ. މިއީ އެ ކުންފުނީގެ 25 އިންޖިނިއަރުންގެ މަސައްކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy