"މުންނާ ބާއީ 3" ގެ މަސައްކަތް މި އަހަރު ފަށަނީ

ރާޖްކުމާރު ހިރާނީގެ ކާމިޔާބު ފްރެންޗައިޒް "މުންނާ ބާއީ" ގެ ތިން ވަނަ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި މި އަހަރުގެ މެދުތެރޭގައި ނުވަތަ އަހަރުގެ ފަހުކޮޅު ފިލްމުގެ ޝޫޓިން ފަށާނެކަން އެނގިފައިވާ ކަމަށް މި ސީރީޒްގެ ފިލްމުތަކުގައި ސަރްކެޓްގެ ރޯލް ކުޅޭ އަރުޝަދު ވަރުސީ ބުނެފި އެވެ.


ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުގައި އޭނާ ބުނީ "މުންނާ ބާއީ 3" ގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓްގެ އެންމެ ފަހު މަސައްކަތް ކުރިއަށްދާ ވާހަކަ ހިރާނީ ބުނެފައިވާ ކަމަށެވެ.

"ފިލްމުގެ މަސައްކަތް އެންމެ ފަހުން ފެށޭނެ ކަމުގެ ފެހި ސިގްނަލް އެތައް ދުވަހަކަށް ފަހު ލިބުނީމަ އަހަރެން މިހުރީ ވަރަށް އުފަލުން. ރާޖޫ ބުނެފައިވާ ގޮތުން މި އަހަރުގެ މެދުތެރޭގައި ނޫނީ މި އަހަރުގެ ފަހުކޮޅު ފިލްމުގެ ޝޫޓިން ފަށާނެ،" މި މަހުގެ 18 ގައި ރިލީޒް ކުރި "ފްރޯޑް ސައްޔާން" ގެ ބަތަލު ބުންޏެވެ. "ބެލުންތެރިންނަށް އޮތް އުފާވެރި ޚަބަރަކީ އަހަންނާއި ސަންޖޭ ކުރިން ވެސް ފެނިގެން ދިޔަ ރޯލްތަކުން ތިން ވަނަ ބައިން ވެސް ފެނިގެން ދާނެކަން."

ހިރާނީ ޑައިރެކްޓަރެއްގެ ގޮތުގައި އާންމުންގެ ތެރޭގައި ވިދައިލީ ވެސް "މުންނާ ބާއީ" ގެ ފިލްމުތަކުންނެވެ. މީގެ ފުރަތަމަ ފުރަތަމަ ފިލްމު "މުންނާ ބާއީ އެމްބީބީއެސް" ގެ ނަމުގައި ގެނެސް ދިނީ 2003 ގަ އެވެ.

އެ ފިލްމުގެ ބަތަލާގެ ރޯލު ކުޅުނީ އާމިރު ހާނާ އެކު "ލަގާން" ކުޅުނު ގްރޭސީ ސިންގް އެވެ. މި ސީރީޒްގެ ދެވަނަ ފިލްމު ބަތަލާއަކަށް ވިދިޔާ ބަލަން ހިމަނައިގެން "ލަގޭ ރަހޯ މުންނާ ބާއީ" ގެ ނަމުގައި ގެނެސް ދިނީ 2006 ގަ އެވެ.

އޭގެ ފަހުން ތިން ވަނަ ފިލްމު "މުންނާ ބާއީ ޗަލޭ އެމެރިކާ" ގެ ނަމުގައި ގެނެސް ދޭން ނިންމައި އެ ފިލްމުގެ ޕޯސްޓަރު ވެސް 2007 ގައި ދައްކައިލި އެވެ. ނަމަވެސް ސްކްރިޕްޓާ ދޭތެރޭ ހިރާނީ އެހާ ހިތްހަމުނެޖޭތީ ފިލްމު ނަހަދައި ވަނީ ބާއްވައިފަ އެވެ. އެކަމަކު ތިން ބަނަ ބައި ގެނެސް ދޭނީ "މުންނާ ބާއީ ޗަލޭ އެމެރިކާ" ނަމުގައި ކަމެއް އަދި ނޭނގެ އެވެ.

އެ ފިލްމު ބާއްވާފައި ހިރާނީ ވަނީ 2009 ގައި "3 އިޑިއަޓްސް" އާއި 2014 ގައި "ޕީކޭ" އަދި މިދިޔަ އަހަރު "ސަންޖޫ" ގެނެސް ދީފަ އެވެ.

ހިރާނީއަކީ އިންޑިއާގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ލިސްޓްގެ އެންމެ ކުރިން ޖާގަ ހޯދާ އެކެކެވެ. އެހެންވެ އޭނާގެ ފިލްމެއް ނަމަ، އެ ފިލްމެއް ފުރިހަމަވެފައި މޮޅުވާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮވެ އެވެ.

ރަންބީރު ކަޕޫރާ އެކު ގެނެސް ދިން ސަންޖޭގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" އަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު ވެސް މެ އެވެ.