މަދޫރު ބަންޑާކަރް ދެން ހަދާނީ "އިންސްޕެކްޓާ ގާލިބް"

އާންމުކޮށް އަންހެނުންނަށް ބިނާކޮށް ފިލްމުތައް ހަދާ ކުޅަދާނަ ޑައިރެކްޓަރު މަދޫރު ބަންޑާކަރް "އިންސްޕެކްޓާ ގާލިބް" ގެ ނަމުގައި އެކްޝަން ފިލްމެއް ހަދަން ނިންމައިފި އެވެ.


މި ފިލްމުގެ ނަމުން ދޭހަވާ ގޮތުގައި މިއީ ފިރިހެން ކެރެކްޓާއަކަށް ބިނާކޮށް ހަދާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. މީގެ މާ ބޮޑު ތަފުސީލެއް އަދި ދީފައި ނެތަސް، ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި "އިންސްޕެކްޓާ ގާލިބް" އަކީ ސޭންޑް މާފިއާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

އަދި މި ފިލްމަށް ކާސްޓުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ފިލްމުގެ ޝޫޓިން ފަށާނީ މި އަހަރުގެ މެދުތެރޭގައި އުއްތަރު ޕްރަދޭޝްގައި ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

"ފެޝަން" އާއި "ޗާންދުނީ ބާ" އަދި "ޕޭޖް 3" ފަދަ ފިލްމުތައް ހަދައިގެން ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ މަދޫރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2017 ގެ ޕޮލިޓިކަލް ތުރިލާ "އިންދޫ ސަރުކާރު" އެވެ. އެކަމަކު އެއީ އެހާ ކާމިޔާބު ފިލްމެއް ނޫނެވެ.

ދެހާސް އަށެއްގައި ޕްރިޔަންކާ ޗޯޕްޅާއާ އެކު ގެނެސް ދިން "ފެޝަން" ގެ ދެވަނަ ބައެއް ހަދައިފާނެ ކަމުގެ އިޝާރާތެއް ވެސް ދާދި ފަހުން މަދޫރު ދީފައިވާ އިރު، އޭނާ ވަނީ ކަރީނާ ކަޕޫރުގެ ދަރިފުޅަށް ކިޔާ ނަން ކަމަށްވާ "ތައިމޫރު" ގެ ނަމުގައި ވެސް ފިލްމެއް ހަދަން އެ ނަން ރަޖިސްޓްރީކޮށްފަ އެވެ.

"ފެޝަން" ގެ ބޮޑު ކާމީޔާބީ އަށް ފަހު މަދޫރް އާއި ޕްރިޔަންކާ "މެޑަމްޖީ" ގެ ނަމުގައި ވެސް ފިލްމެއް ހަދަން ޕްލޭން ކުރި އެވެ. އެއީ އައިޓަމް ގާލްއަކުން ނުފޫޒު ގަދަ ސިޔާސީ މީހަކަށް ބަދަލުވާ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެކަމަކު 2015 ގައި ޕްރިޔަންކާ ހޮލީވުޑަށް ހިޖުރަ ކުރުމާ ގުޅިގެން އޭގެ މަސައްކަތް ވަބީ ހުއްޓާލައިފަ އެވެ.