އައިޝްވާރިޔާ ރާއީ ބަފާބެ އަމީތާބް ބައްޗަންއާ އެކު އަލުން ފިލްމަކަށް

ފިރިމީހާ އަބީޝެކް ބައްޗަންއާ އެކު ކުޅެން ސޮއިކުރި ފިލްމު "ގުލާބް ޖާމޫ" އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބައްޗަން ނުކުޅެން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، އައިޝްވާރިޔާ ބަފާބެ އަމީތާބް ބައްޗަންއާ އެކު ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.


ޑީއެންއޭ އިން ބުނި ގޮތުގައި އެ ދެ ތަރިން ސޮއިކޮށްފައި ވަނީ ސައުތުގެ މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމް ހަދާ ޕީރިއަޑް ޑްރާމާއަކަށެވެ. އެ ނޫހުން ބުނި ގޮތުގައި އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމަށް އަމީތާބީތާއި އައިޝްވާރިޔާ ސޮއިކޮށްފައިވާ އިރު، މި ފިލްމުގެ ކާސްޓުން ސައުތުގެ ގިނަ ތަރިންތަކެއް ވެސް ފެނިގެން ދާނެ އެވެ.

ޑީއެންއޭ އިން ބުނީ މި ފިލްމުވެގެން ދާނީ "ބާހްބަލީ" ކަހަލަ ވަރުގަދަ ފިލްމަކަށް ކަމަށާއި ފިލްމު މި މަހުގެ 14 ގައި ރަސްމީކޮށް ރަތުނަމް އިއުލާން ކުރާނެ ކަމަށެވެ. އަދި މިއީ އިންޑިއާގެ ހުނަރުވެރި ލިޔުންތެރިއެއް ކަމަށްވާ ކަލްކީ ކްރިޝްނަމުރުތީގެ ތާރީހީ ވާހަކަ ޕޮނިޔިން ސެލްވަން (ސަން އޮފް ޕޮއްނީ) އަށް ބިނާކޮށް ހަދާ ފިލްމެއް މީޑިއާތަކުން ބުންޏެވެ.

ރަތުނަމްއާ އެކު "ގްރޫ" ފަދަ ފިލްމުތަކުގެ މަސައްކަތް ކުރި އައިޝްވާރިޔާ އެންމެ ފަހުން ރަތުނަމްގެ ފިލްމެއް ކުޅުނީ 2010 ގަ އެވެ. އެއީ އަބީޝެކާ އެކު ކުޅުނު "ރާވަން" އެވެ. އަމީތާބް މީގެ ކުރިން ރަތުނަމްއާ އެކު މަސައްކަތްކޮށްފައެއް ނުވެ އެވެ.

އައިޝްވާރިޔާ މީގެ ކުރިން ވެސް އަމީތާބާ އެކު ހަ ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ ސަރުކާރު ރާޖް (2008)، ބަންޓީ އޯރް ބަބްލީ (2005)، ކާކީ (2004)، ކިޔު ހޯ ގަޔާނާ (2004)، ހަމް ކިސީ ސޭ ކަމް ނެހީ (2002) އަދި މުހައްބަތޭން (2000) އެވެ.

މި ފިލްމުތަކުގެ ތެރެއިން ވެސް ގިނަ ބަޔަކަށް އެންމެ ކަމުގޮސްފައި ވަނީ އައިޝްވާރިޔާ ހާއްސަ ފެނިލުމަކުން ފެނިގެންދާ ފިލްމު "ބަންޓީ އޯރް ބަބްލީ" ގައި އަމީތާބާއި އަބީޝެކާ އެކު ކުޅުނު ލަވަ "ގަޖްރާ ރޭ" އެވެ.