ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ އެންގޭޖްމަަންޓް ޖޫންގައި

ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަންނަ ޖޫން މަހުގެ ތެރޭގައި އެންގޭޖް ވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މުމްބާއީ މިރާ އިން ބުނި ގޮތުގައި ދެ ތަރިން މި އަހަރު އެންގޭޖްވާން އެންމެ ބޮޑަށް ބާރު އަޅާފައި ވަނީ ރަންބީރުގެ މަންމަ ނީޓޫ ސިންގް އެވެ. ނިއު ޔޯކްގައި ތިބި ރަންބީރުގެ މައިންބަަފައިންނާ ބައްދަލުކުރަން ރަންބީރާއި އާލިއާ އާ އަހަރާ ދިމާކޮށް ކުރި ދަތުރުގެ ތެރޭގައި ވެސް ކައިވެންޏާ ބެހޭ ގޮތުން ވަރަށް ބޮޑަށް މަޝްވަރާކޮށްފައިވާ ކަމަށް މިޑިއާތަކުން އަންނަނީ ބުނަމުންނެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނާ ގޮތުގައި މި އަަހަރު އެންގޭޖްވި ނަމަވެސް، ރަންބީރާއި އާލިއާ ކައިވެނި ކުރާނީ އަންނަ އަހަރު އެވެ. އަދި އެމެރިކާގައި ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ރިޝީ އެންގޭޖަންޓާ ދިމާކޮށް މުމްބާއީ އަށް ވެސް ދާނެ ކަމަށް ބުންޏެވެ.

އާލިއާ، ރަންވީރުގެ އާއިލާ އެކު ނިއު ޔޯކްގައ.

އާލިއާ، 25، އާއި ރަންބީރު، 36، އެކުގައި ކުޅެފައިވާ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒް ކުރަން ނިންމާފައިވާ އިރު، މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޖޯޑު ކައިވެނި ކުރާނީ އަންނަ އަހަރު އެވެ.

ރަންބީރުގެ އާއިލާ އާއި އާލިއާގެ ގުޅުން މިހާރު ވަރަށް ބޮޑަށް ބަދަހިވެފައިވާ އިރު، އޭނާގެ މައިންބަފައިން ކަމަށްވާ މަހޭޝް ބަޓާއި ސޯނީ ރާޒްދާން ވެސް ވަނީ ގުޅުމާ ދޭތެރޭ ވަރަށް ރުހޭ ކަމަށް ދޭހަވާ ގޮތަށް އެކި ފަހަރު މަތިން ވާހަކަ ދައްކައިފަ އެވެ.

ރަންބީރު އެންމެ ފަހުން ރައްޓެހިވެން އުޅުނީ ކެޓްރީނާ ކެއިފާ އެވެ. އޭގެ ކުރިން އޭނާ ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ ދީޕިކާ ޕަދްކޯން ވަނީ މިދިޔަ ނޮވެމްބަރު އެކްޓަރު ރަންވީރު ސިންގްއާ ކައިވެނިކޮށްފަ އެވެ.

އާލިއާ ކުރިން ރައްޓެހިވެގެން އުޅުނީ އޭނާއާ އެކު ބޮލީވުޑަށް ތައާރަފުވި ސިދާތު މަލްއުތުރާއާ އެވެ.