ރީތީގެ ރާނީ މަނޫޝީ ބޮލީވުޑަށް ނެރޭނީ ފަރާ ހާން

ފިލްމު "އޯމް ޝާންތީ އޯމް" އިން 2007 ގައި ފަރާ ހާން ބޮލީވުޑަށް ތައާރަފު ކުރި ބަތަލާ ދީޕިކާ ޕަދްކޯންއަކީ މިހާރު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެކެކެވެ.


ފަރާ މިހާރު އަމާޒު ހިފާފައި ވަނީ އަނެއްކާ އާ މޫނެއް ބެލުންތެރިންނަށް ދައްކާލާށެވެ. އެއީ 2017ގެ ރީތީގެ ރާނީ މަނޫޝީ ޗިލާރް އެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި ފަރާ ދެން ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާގެ ރޯލް 21 އަހަރުގެ މަނޫޝީ އަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި ދެ މީހުން ވަނީ ފިލްމާ ބެހޭ ގޮތުން މިހާރު މަޝްވަރާކޮށްފައި ކަމަށް އެ ނޫހުން ބުންޏެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އާ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތަށް ފަރާ މި ވަގުތު ހުރީ ގޯއާގަ އެވެ. އަދި އޭގެ މަސައްކަތްކޮށް އެއްކޮށް ނިންމައިލެވުމުން ފިލްމު ރަސްމީކޮށް އިއުލާން ކުރަން ވަނީ ހަމަޖެހިފަ އެވެ.

މަނޫޝީ އާއި ރަންވީރުގެ އިޝްތިހާރެއް.

ފަރާ އެންމެ ފަހުން ޑައިރެކްޓް ކުރީ ޝާހްރުކް ހާނާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅުނު ހެޕީ ނިއު އިޔާ (2014) އެވެ. އޭނާގެ ފިލްމަކުން މަނޫޝީ ބޮލީވުޑަށް ތައާރަފު ކުރުމަކީ ޔަގީނުން ވެސް ގިނަ ބަޔަކު މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރާނެ ކަމަކަށް ވާނެ އެވެ.

މަނޫޝީއަކީ މިހާރު އެކްޓިން އާ މީހެއް ވެސް ނޫނެވެ. އޭނާ ވަނީ ކަރީނާ ކަޕޫރާއި ރަންވީރު ސިންގްއާ އެކު ޓީވީ އިޝްތިހާރުތަކެއް ވެސް ކުޅެފަ އެވެ.

މަނޫޝީ ބުނި ގޮތުގައި އެކްޓިންއަކީ އޭނާ ވަރަށް ޝައުގުވެރިވާ ކަމެކެވެ. އެހެންވެ ބޮލީވުޑަށް ނުކުތުމާ ދޭތެރޭ އެއްވެސް ސުވާލެއް ނެތް ކަމަށާއި ވަގުތު ޖެހުމުން ފިލްމު ކުޅެން ފަށާނެ ކަމަށް ބުނެފައިވެ އެވެ.