"ތޫފާން"ގެ ޝޫޓިން އޮގަސްޓްގައި

ފަރްހާން އަހްތަރު ބޮކްސިން ތެޅުންތެރިއެއްގެ ރޯލް ކުޅޭ ފިލްމު "ތޫފާން" ގެ ޝޫޓިން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފަށާނެ ކަމަށް ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ބުނެފި އެވެ.


މި ފިލްމަށް ފަރްހާން މިހާރު ތައްޔާރުވާން ފަށާފައިވާ އިރު، ފިލްމު ޕްރޮޑިއުސް ކުރާނީ އޭނާ އާއި ރިތޭޝް ސިދްވާނީގެ ފިލްމު ކުންފުނި އެކްސެލް އެންޓަޓައިންމަންޓުންނެވެ. އެ ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމަކީ ފަރްހާންގެ ދައްތަ ޒޯޔާ އަހްތަރު ޑައިރެކްޓްކޮށް، މި މަހުގެ 14 ގައި ރިލީޒް ކުރާ "ގަލީ ބޯއި" އެވެ.

"ތޫފާން" އާ ބެހޭ ގޮތުން މެހެރާ ބުނީ މި ފިލްމަކީ އޭނާގެ ފުރިހަމަ މަސައްކަތެއް ފެނިގެން ދާނެ ފިލްމެއް ކަމަށާއި އަންނަ އަހަރު ބެލުންތެރިންނަށް ފިލްމު ގެނެސް ދޭނެ ކަމަށެވެ. ފަރްހާން ފިޔަވައި "ތޫފާން" ގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު މެރެހާ ގެނެސް ދިން ބައޮގްރަފިކަލް ޑްރާމާ "ބާގް މިލްކާ ބާގް" ކުޅެގެން ފަރްހާނަށް ވަނީ އެ އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފަ އެވެ. އެ ފިލްމަކީ އިންޑިއާ ކުރީގެ އެތުލީޓް މިލްކާ ސިންގްގެ ވާހަކަ ކިޔައި ދިން ފިލްމެކެވެ.

"ރަންގް ދެ ބަސަންތީ" ފަދަ މޮޅެތި ފިލްމުތައް ގެނެސް ދިން މެހެރާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2016 ގައި އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރްދަން ކަޕޫރު ބޮލީވުޑަށް ތައާރަފުކުރި ފިލްމު "މިރްޒިޔާ" އެވެ. އެކަމަކު އެއީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ.

މެހެރާގެ ދެން އެންމެ އަވަހަށް ސްކްރީނަށް ގެންނާނީ އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" އެވެ. މިއީ ހާމަ ތަންތަނަށް ބޮޑުކަމުދާ މައްސަލަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުން ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ އަންޖަލީ ޕަޓިލް، 31، ފެނިގެން ދާނީ މައެއްގެ ރޯލުންނެވެ.

މެހެރާ ބުނި ގޮތުގައި އޭނާ އަންނަނީ ޝާހިދު ކަޕޫރާ އެކު ވެސް ފިލްމެއް ގެނެސް ދޭން މަޝްވަރާ ކުރަމުންނެވެ.