ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާންގެ ފިލްމުގެ ނަމަކަށް "ތަޅަޕް"

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމުގެ ނަމަކަށް "ތަޅަޕް" ހަމަޖައްސައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމޭކެކެވެ.

"ތަޅަޕް" ޑައިރެކްޓް ކުރަނީ "ދަ ޑާޓީ ޕިކްޗާ" އާއި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓް ކުރި މިލަން ލުތުރިއާ އެވެ. އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2017 ގައި އަޖޭ ދޭވްގަން އާއި އިމްރާމް ހާޝިމީ އާއި އިލިއާނާ ޑި ކްރޫޒް އަދި އީޝާ ގުޕްތާ ލީޑް ރޯލް ކުޅުނު "ބާދްޝާހޯ" އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ތަޅަޕް" ގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަހާން، 23، އަކީ މި އަހަރު ބޮލީވުޑަށް ތައާރަފު ވާނެ ތަރިންގެ ދަރިންގެ ލިސްޓްގެ ކުރީގެ އުޅޭ ނަމެކެވެ.

އަހާން، ޕްރޮޑިއުސަރު ސާޖިދާއި ބައްޕަ ސުނިލްއާ އެކު.

"ދަޅްކަން" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ސުނިލް ޝެޓީ، 57، މި ފަހުން ފިލްމު ކުޅުން ވަރަށް ބޮޑަށް މަދުކޮށްލާފައިވާ އިރު، އޭނާ މިހާރު އަންނަނީ އަޖޭ ދޭވްގަންގެ "ތާނަޖީ: ދި އަންސަންގް ވޮރިއާ" އާއި "މަރަކައްރު" ކިޔާ މަލަޔާޅަމް ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މި ދެ ފިލްމަކީ ތާރީހީ ފިލްމުތަކެވެ.

އަހާން ބޮލީވުޑަށް ނުކުންނަން އަމާޒު ހިފާފައިވާ އިރު، އޭނާގެ ދައްތަ އާތިޔާ ޝެޓީ ފިލްމު ކުޅެން ފެށީ 2015 ގަ އެވެ. އެ އަހަރު ރިލީޒް ކުރި "ހީރޯ" އަށް ފަހު، އާތިޔާ މިހާތަނަށް ފެނިފައި ވަނީ އެންމެ ފިލްމަކުންނެވެ. އެއީ 2017 ގައި ރިލީޒް ކުރި "މުބާރަކަން" އިންނެވެ.

އެކަމަކު އޭނާ މިހާރު އަންނަނީ ނަވާޒުއްދީން ސިއްދީގީއާ އެކު "މޯޓީޗޫރް ޗަކްނަޗޫރް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

ގިނަ ބަޔަކު މިހާރު ޔަގީނުން ވެސް އިންތިޒާރު ކުރާނީ ބައްޕަގެ ކިބައިގައި ހުރި ހުނަރު އަހާންގެ ފަރާތުން ވެސް ފެންނާނެ އިރަކަށެވެ.