ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ގިނަ ހިންދީ ފިލްމުތަކެއްގައި ނުބައިބައި ރޯލް ކުޅެފައިވާ އެކްޓަރު މަހޭޝް އާނަންދު މަރުވެއްޖެ އެވެ.


އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފަިއވާ ގޮތުގައި 57 އަހަރުގެ އެކްޓަރު މަރުވެފައި އޮއްވައި ފެނުނީ ހޮނިހިރު ދުވަހު އޭނާގެ ގެއިންނެވެ. އެކަމަކު މަރާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މަހޭޝް މަރުވީ އަމިއްލައަށެވެ. އަދި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓެމް ހެދުމަށް މިހާރު އޮތީ މުމްބާއީގެ ކޫޕާ ހޮސްޕިޓަލްގެ މޯޗަރީގަ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި މަހޭޝްއަކީ ރަލަށް ދެވިހިފާފައިވާ މީހެކެވެ. އަދި އޭނާ އެކަނި މުމްބާއީގައި ދިރިއުޅެމުން ދިޔަ އިރު، އަންހެނުން ދިރިއުޅެނީ ރަޝިއާގަ އެވެ. މަހޭޝްގެ ދެ ފިރިހެން ކުދިން ވެސް ތިބެ އެވެ.

މަހޭޝް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒް ކުރި ގޯވިންދާގެ "ރަންގީލާ ރާޖާ" ގެ ރޯލަކުންނެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ކޫލީ ނަމްބަރު 1"، "ތޫފާން"، "ވިޝްވާތުމާ" އަދި "ސްވަރްގް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ސަނީ އަށް މި ފަހަރު "ޖެއި މަންމީ ދީ"

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގައި މުހިއްމު ރޯލެއް ކުޅުނު ޒުވާން އެކްޓަރު ސަނީ ސިންގް އައު ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފަހަރު ވެސް 30 އަހަރުގެ އެކްޓަރު ސޮއި ކުރީ ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމަކަށެވެ. އޭގެ ނަމަކީ "ޖެއި މަންމީ ދީ" އެވެ. މި ފިލްމުގައި ސަނީއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަދި "ޕިޔާރް ކާ ޕަންޗްނާމާ 2" ގައި ވެސް ފެނިގެން ދިޔަ ސޮނާލީ ސޭގަލް އެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި "ޖެއި މަންމީ ދީ" ރިލީޒް ކުރަން ތާވަލުކޮށްފައި އޮތް ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ.

އަނޫޕަމްގެ ތައުރީފު ކަންގަނާ އަށް

މިދިޔަ މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރި ކަންގަނާ ރަނާވަތުގެ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ރިލީޒް ކުރުމާ އެކު އެ ފިލްމުގައި ޑައިރެކްޝަނުގައި ހިއްސާވި ކްރިޝް އާއި ފިލްމުގައި ކާސްޓްގައި ކުރިން ހިމެނުނު ބައެއް މީހުން ބަތަލާ/ޑައިރެކްޓަރު ކަންގަނާއާ ދެކޮޅަށް ވާހަކަ ދައްކަމުން ދަނިކޮށް އަނޫޕަމް ކޭރް އޭނާ އަށް ތައުރީފުކޮށްފި އެވެ.

އޭނާ ކުރި ޓްވީޓެއްގައި ބުނީ ކަންގަނާއަކީ ރޮކްސްޓާއެއް ކަމަށާއި "މަނިކަރްނިކާ" ގައި ދައްކުވައި ދީފައިވާ ހުނަރު ވަރަށް ފުރިހަމަ ކަމަށެވެ. އަދި ކަންގަނާއަކީ އަންހެނުންގެ ބާރުވެރިކަން ދައްކުވައިދޭ މިސާލެއް ކަމަށް ވެސް ބުންޏެވެ.

މިފަދަ މޭރުމަކުން އަނޫޕަމް، ކަންގަނާ އަށް ތައުރީފު އޮއްސައިލި އިރު، އޭނާގެ ދިފާއުގައި ބޮލީވުޑްގެ ގިނަ މީހުން އެއްޗެއް ނުބުނާތީ ކަންގަނާ ވަނީ ވަރަށް ގިނަ ފަންނާނުންނަށް ފާޑު ކިޔައިފަ އެވެ.

އެކަމަކު އަނޫޕަމް ކަންގަނާ އަށް ތައުރީފުކޮށް ޓްވީޓްކޮށްފައި ވަނީ ފޭނަކު ކުރި ސުވާލަކާ ގުޅިގެންކަން ފާހަގަކޮށްލެވެ އެވެ.

"ތަންތުކްރިތު" ގައި ސައިފާއި ފާތިމާ އަދި އަބީޝެކް

ފޮކްސް ސްޓާ ސްޓޫޑިއޯ އިން ހަދާ ހޮރޯ ކޮމެޑީ "ތަންތުކްރިތު" އަށް ސައިފް އަލީ ހާނާއި ފާތިމާ ސަނާ ޝެއިހް އަދި އަބީޝެކް ބައްޗަން ސޮއިކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމަކީ ޕަވަން ކްރިޕަލާން ޑައިރެކްޓް ކުރާ ފިލްމެކެވެ. އެކަމަކު މީގެ ތަފުސީލެއް އަދި ފޮކްސް ސްޓާ އިން ވެސް ދީފައެއް ނުވެ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި ފްލޮޕް ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަށް ފަހު، ފާތިމާ ދާދި ފަހުން ވަނީ ރާޖްކުމާރް ރާއޯއާ އެކު، ޑައިރެކްޓަރު އަނޫރާގް ބާސޫގެ އައު އެންތޮޖީ ފިލްމުގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް އަބީޝެކް ބައްޗަން ހިމެނެ އެވެ.