"ތާނަޖީ" އަކީ އަޖޭ ދޭވްގަންގެ 100 ވަނަ ފިލްމު

މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އަކީ އަޖޭ ދޭވްގަންގެ ކެރިއަރުގެ 100 ވަނަ ފިލްމު ކަމަށާއި ފިލްމު ވަރަށް ހާއްސަވާނެ ކަމަށް ބުނެފި އެވެ.


ތާރީހީ ހަނގުރާމައިގެ ހާދިސާއަކަށް ބިނާކޮށް ހަދާ ފިލްމުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، މި ފިލްމުގެ ޝޫޓިން އަންނަ މެއި މަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އަޖޭ ބުންޏެވެ. އުމުރުން މިހާރު 49 އަހަރުގެ އެކްޓަރުގެ 100 ވަނަ ފިލްމު "ތާނަޖީ" ގެ ރޯލަކުން އަންހެނުން ކާޖޮލް ވެސް ފެނިގެން ދާނެ އެވެ.

އޯމް ރައުތު ޑައިރެކްޓް ކުރާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސައިފް އަލީ ހާނާއި ސުނިލް ޝެޓީ އާއި ރާނާ ދަގޫބަތީ ހިމެނެ އެވެ. އަދި "ތާނަޖީ" ގެ ހާއްސަ ފެނިލުމަކުން ސަލްމާން ހާން ވެސް ފެނިގެން ދާނެ އެވެ.

ފިލްމު "ޕޫލް އޯރް ކާންޓޭ" އިން 1991 ގައި ބޮލީވުޑަށް ނުކުތް އަޖޭއަކީ މިހާރު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރެއިން އެކެކެވެ. އަދި އޭނާ ފާހަގަކޮށްލެވެނީ އެކި ކަހަލަ ރޯލްތައް ކުޅެން ކުޅަދާނަ އެކްޓަރެއްގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ސީރިއަސް ރޯލްތަކާއި އެކްޝަން ރޯލްތަކުގެ އިތުރުން ކޮމެޑީ ރޯލްތައް ވެސް ހިމެނެ އެވެ.

ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ އަޖޭގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ޒަހަމް، ދިލްވާލޭ، ވިޖޭޕަތު، ގޯލްމާލް ސިންގަމް، ޕިޔާރް ތޯ ހޯނާ ހިތާ އަދި ދިލް ކިޔާ ކަރޭ ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނާނީ މި މަހުގެ 22 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އެވެ. މީގެ އިތުރުން އޭނާގެ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރް ދޭ" އެޕްރީލް 26 ގައި ރިލީޒް ކުރާނެ އެވެ.

އަޖޭއަކީ 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތައް އެންމެ ގިނަ އެކްޓަރުންގެ ތެރެއިން ވެސް އެކެކެވެ. މިދިޔަ އަހަރު ރިލީޒް ކުރި "ރެއިޑް" އަކީ 100 ކްރޯޑް ކުލަބަށް ވަން އޭނާގެ 8 ވަނަ ފިލްމެވެ.