އެކްތާ ކަޕޫރް ކަންނާޑާ ފިލްމު "ޔޫ ޓާން" ގެ ހިންދީ ފިލްމެއް ހަދަނީ

ދެހާސް ސޯޅަ ވަނަ އަހަރު ކަންނާޑާ ބަހުން ގެނެސްދިން ކާމިޔާބު ފިލްމު "ޔޫ ޓާން" ގެ ހިންދީ ރިމޭކެއް ހަދަން ނިންމައި، މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރް އެ ފިލްމުގެ ރައިޓްސް ހޯދައިފި އެވެ.


ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ޔޫ ޓާން" ގެ ހިންދީ ފިލްމު ވެސް، އެކްތާ ޑައިރެކްޓް ކުރުވަން ބޭނުން ވަނީ ކަންނާޑާ ވާޝަން ވެސް ލިޔެ، ޑައިރެކްޓް ކުރި ޕަވަން ކުމާރު ލައްވަ އެވެ.

މި ފިލްމަކީ ޓްރެފިކް ގަވައިދާ ހިލާފަށް ސައިކަލް ދުއްވަނިކޮށް މަރުވާ މީހެއްގެ މަރުގެ ހަގީގަތް ހޯދަން އަންހެން ނޫސްވެރިޔަކު ކުރާ މަސައްކަތް ދައްކުވައިދޭ މިސްޓްރީ ތުރިލާއެކެވެ. "ޔޫ ޓާން" ގައި ބަތަލާގެ ރޯލް ކުޅެފައި ވަނީ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ޓިގްމަންޝޫ ދޫލިއާގެ "މިލަން ޓޯކީޒް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ޝްރަދާ ސްރީނާތެވެ.

"ޔޫ ޓާން" ގެ ހިންދީ ރިމެކެއް ހަދަން ނިންމާފައިވާ އިރު، މި ފިލްމުގެ ތެލެގޫ ވާޝަން ހަމަ އެ ނަމުގައި މިދިޔަ އަހަރު ރިލީޒްކޮށްފައިވެ އެވެ. އަދި 2017 ގައި "ކެއާފުލް" ގެ ނަމުގައި މަލަޔާޅަމް ފިލްމު ގެނެސް ދިނެވެ. އެ ދެ ފިލްމު ވެސް ޑައިރެކްޓް ކުރީ ޕަވަން އެވެ.

އެކްތާ ގެނެސްދޭ "ޔޫ ޓާން" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ އަހަރު "ވީރޭ ދީ ވެޑިން" އާއި "ލައިނާ މަޖުނޫ" ގެނެސް ދިން ޕްރޮޑިއުސަރު މި އަހަރު ގެނެސް ދޭން ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ސިނަމާތަކަށް އަންނާނީ މެއި 24 ގައި ރިލީޒް ކުރާ "މެންޓަލް ހޭ ކިޔާ" އެވެ. އެ ފިލްމުގެ ތަރިންނަކީ ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯ އެވެ،

އެކްތާ މި އަހަރު ގެނެސް ދޭނެ އިތުރު ފިލްމުތަކުގެ ތެރޭގައި ޕަރިނީތީ ޗޯޕްޅާ އާއި ސިދާތު މަލްއުތުރާގެ "ޖަބަރިޔާ ޖޯޅީ"، ބޫމީ ޕެޑްނޭކަރާއި ކޮންކޮނާ ސެން ޝަރުމާގެ "ޑޯލީ ކިޓީ އޯރް ވީ ޗަމަތު ކޭ ސިތާރޭ" ގެ އިތުރުން އަޔޫޝްމަން ކުރާނާ އާއި ނުޝްރަތު ބަރޫޗާގެ "ޑްރީމްގާލް" ހިމެނެ އެވެ.