ޖިންސީ ގޯނާގެ ތުހުމަތުކުރި ރާޖްކުމާރު ހިރާނީ ފިލްމުފެއާ އެވޯޑަށް ނޮމިނޭޓްވުމުން ފާޑުކިޔަނީ

ދާދި ފަހުން ޖިންސީ ގޯނާގެ ތުހުމަތު އެޅުވުނު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ، މި މަހު ބާއްވާ 64 ވަނަ ފިލްމުފެއާ އެވޯޑްސް އަށް ނޮމިނޭޓްވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.


ހިރާނީ ނޮމިނޭޓްވެފައި ވަނީ ފިލްމު "ސަންޖޫ" އިން އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމަށާއި އެ ފިލްމަށް ލިބުނު އެންމެ މޮޅު ފިލްމުގެ ނޮމިނޭޝަނަށެވެ. މިކަމާ ގުޅިގެން ޓްވިޓާގައި ވަރަށް ގިނަ ގިނަ ބަޔަކު ވަނީ ފިލްމުފެއާ އެވޯޑް އިންތިޒާމުކުރާ ފިލްމުފެއާ އަށް ވެސް ފާޑު ކިޔައިފަ އެވެ.

ބައެއް މީހުން ބުނި ގޮތުގައި ޖިންސީ ގޯނާ ފަދަ ތުހުމަތުތައް އެޅުވިފައިވާ މީހަކު ފިލްމުފެއާ ކަހަލަ ގިނަ ބަޔަކު ބަލައިގަންނަ އެވޯޑަކަށް ނޮމިނޭޓްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ތުހުމަތުތައް އެޅުވިފައިވާ މީހުންގެ އަގު ވަޒަންކުރަން ނުޖެހޭ ގޮތަކަށް ވަޒަންކުރުމަކީ ވެސް ދެވޭ ހިތްވަރެއްގެ ގޮތުގައި ބައެެއް މީހުން ސިފަކޮށްފައިވެ އެވެ.

"ޕީކޭ" އާއި "3 އިޑިއަޓްސް" އަދި "މުންނާބާއީ" ސީރީޒްގެ ފިލްމުތައް ގެނެސް ދިން އިންޑިއާގެ އެންމެ މޮޅެތި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ހިރާނީ، 56، ގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރީ މިދިޔަ އަހަރު ރިލީޒް ކުރި "ސަންޖޫ" ގެ ޕްރޮޑަކްޝަން ޓީމްގައި މަސައްކަތް ކުރި އަންހެނެކެވެ. އޭނާ ބުނި ގޮތުގައި ހައެއްކަ މަސްވަންދެން ހިރާނީގެ ފަރާތުން ގޯނާއާ ކުރިމަތިލާން ޖެހުނެވެ.

ނަމަވެސް އެ ތުހުމަތަށް ހިރާނީ ވަނީ އިންކާރުކޮށްފަ އެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނީ އެ ތުހުމަތަކީ ހިރާނީގެ އަގު ވައްޓައިލަން ކޮށްފައިވާ އަސްލެއް ނެތް ދޮގު ތުހުމަތެއް ކަމަށެވެ.

މި ތުހުމަތާ ގުޅިގެން ހިރާނީ "ގެއްލިފައި" ވަނިކޮށް އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު މުމްބާއީގައި ބޭއްވި އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީގެ ފިރިހެން ދަރިފުޅު އާކާޝް އަމްބާނީ ކައިވެނީގެ ޕާޓީގެ ތެރެއިން އަންހެނުން މަންޖީތު ހިރާނީއާ އެކީގަ އެވެ.

ހިރާނީ އަށް ކުރި ތުހުމަތާ ގުޅިގެން އޭނާ ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި އަދި މިދިޔަ މަހުގެ 1 ގައި ރިލީޒް ކުރި ފިލްމު "ޢޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ގެ ކްރެޑިޓުން ހިރާނީގެ ނަން ވެސް އުނިކޮށްފައިވެ އެވެ.

މި އަހަރުގެ ފިލްމުފެއާ އެވޯޑް ހަފުލާ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.