އާއިލާ އަށް އިންޒާރުދޭތީ އަނޫރާގް ކެޝަޕް ޓްވިޓާ ދޫކޮށްލައިފި

މީގެ ދެ މަހެއްހާ ދުވަސް ކުރިން ދަރިފުޅަށް އަދި އޭގެ ފަހުން މައިންބަފައިންނަށް ވެސް ބައެއް މީހުން އެކި ގޮތްގޮތުން އިންޒާރު ދީ، ބިރު ދައްކާ މައްސަލާގައި، ޑައިރެކްޓަރު އަނޫރާގް ކެޝަޕް ޓްވިޓާ ބޭނުންކުރުން ހުއްޓާލައިފި އެވެ.


ޓްވިޓާގައި ކުރިން ވަރަށް ހަރަކާތްތެރި ޑައިރެކްޓަރު އެންމެ ފަހުން ކުރި ޓްވީޓްގައި ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރިންނާއި މައިންބަފައިންގެ ގަޔަށް ބޮލަށް އަރާ ހިސާބަށް ބައެއް މީހުންގެ އަމަލުތައް ހުރުމަކީ ކަންބޮޑުވާ ކަމެކެވެ.

އަނޫރާގް ދަރިފުޅާ އެކު.

"އަހަރެންގެ މައިންބަފައިންނާއި ދަރިފުޅަށް އިންޒާރު ދީ ބިރު ދައްކާ ހިސާބަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އަބަދުވެސް ވަރަށް ފާޅުގައި އެކި ކަހަލަ މައްސަލަތަކާ ބެހޭ ގޮތުން ހިޔާޅުފާޅުކުރާ އަނޫރާގް ބުންޏެވެ. "އަހަރެން ދެން އެނބުރި އަންނާނީ ބިރުވެރި ކަމެއް ނެތި ހިޔާލު ފާޅު ކުރެވޭނެ ދުވަހެއް އައި އިރަކުން."

އަނޫރާގް މަންމަ އާއި ބައްޕަ.

އޭނާގެ ޓްވިޓާގައި ވަނީ މިއީ ކުރިމަގުގެ ޖީލު އިންޑިއާ ދެކެން ބޭނުންވާ ގޮތް ކަމަށްވާ ނަމަ އެކަމާ ރުހިގެން ތިބި މީހުންނަށް ކާމިޔާބު އަދި އުފާވެރި މުސްތަގުބަލަކަށް ވެސް އެދޭ ކަމަށެވެ.

"ގޭންގް އޮފް ވަސޭޕޫރް" އާއި "ގުލާލު" އަދި "މަންމަރުޒިޔާ" ފަދަ ފިލްމުތައް ގެނެސް ދިން އަނޫރާގްގެ ޓްވިޓާ އެކައުންޓް ޑިލީޓްކޮށްލި އިރު، ދަރިފުޅު އާލިޔާ ކެޝަޕް ރޭޕްކޮށްލާނެ ކަމަށާއި މަރައިލާނެ ކަމަށް ބުނެ އިންޒާޒު ދިން މައްސަލަ ވަނީ ކަމާ އިދާރާތަކަށް ވެސް ހުށަހަޅައިފަ އެވެ.

އަނޫރާގް މި ވަގުތު އުޅެނީ މި މަހުގެ 15 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ސީޒަން ދޭއްގެ ޕްރޮމޯޝަނަލް މަސައްކަތުގަ އެވެ.