"ބަދާއީ ހޯ" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު އަދި މި އަހަރުގެ އެވޯޑަށް ވެސް ހޮވިފައިވާ ފިލްމު "ބަދާއީ ހޯ" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަމިތު ޝަރުމާ ޑައިރެކްޓް ކުރި ފިލްމުގެ ދެވަނަ ބައިގެ ސްކްރިޕްޓް ވެސް މިހާރު ފައިނަލްކޮށްފައިވާ އިރު ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ. އަދި ކުރީގެ ފިލްމުގެ މައިގަނޑު ކާސްޓުން ކަމަށްވާ އަޔޫޝްމަން ކުރާނާ އާއި އޭނާގެ މައިންބަފައިންގެ ރޯލް "ބަދާއީ ހޯ" ގައި ކުޅުނު ނީނާ ގުޕްތާ އާއި ގަޖްރާޖް ރާއޯ ވެސް ދެވަނަ ބައިން ފެނިގެން ދާނެ އެވެ.

އެ ފިލްމުގައި ކިޔައި ދީފައި ވަނީ ޒުވާން އުމުރަށް އަޅާފައިވާ ދަރިން ތިބި ތިބި ދުވަސްވީ ދެމަފިރިއަކަށް އަލުން ދަރިއަކު ލިބެން އުޅޭކަން އެނގުމުން ދިމާވާ ހާދިސާތަކެކެވެ. ހަންގާމާ އިން ބުނި ގޮތުގައި "ބަދާއީ ހޯ 2" ގައި ކިޔައި ދޭނީ ޒުވާން ދެ ޖޯޑެއްގެ ޖޮއިންޓް ފެމިލީއެއްގެ ވާހަކަ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ހޯދި "ބަދާއީ ހޯ" އަންނަ މަހު ބާއްވާ 66 ވަނަ ނެޝަނަލް ފިލްމު އެވޯޑުން ހޯލްސަމް އެންޓަޓައިނާ އެވޯޑާއި ސަޕޯޓިން ބަތަލާ އެވޯޑަށް ހޮވިފައިވެ އެވެ. ސަޕޯޓިން ބަތަލާއަކީ ފިލްމުގައި އަޔޫޝްމަންގެ މާމަގެ ރޯލް ކުޅުނު ސުރޭޙާ ސިކްރީ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ގައި ރިލީޒް ކުރި "ބަދާއީ ހޯ" އަކީ ބޮކްސް އޮފީހުގައި 221.44 ކްރޯޑް ރުޕީސް (39 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އެ ފިލްމު ހެދީ އެންމެ 29 ކްރޯޑް (4.14 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"ބަދާއީ ހޯ" ގެ ޓްރެއިލާއެއް.

"ބަދާއީ ހޯ" ގެ ދެވަނަ ބައެއް ހަދަން ނިންމި އިރު، ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ފިލްމުގެ ދެވަނަ ބައިން ވެސް އަޔޫޝްމަން އަށް ފުރުސަތު ލިބުނު އިރު، އޭނާ އަށް މިދިޔަ އަހަރު ރިލީޒް ކުރި "އަންދާދުން" އިން މި އަހަރުގެ ނެޝަނަލް އެވޯޑްގެ އެންމެ މޮޅުގެ ބަތަލުގެ މަގާމު ވެސް ވެސް ކަށަވަރުވެފައިވެ އެވެ.

"ބަދާއީ ހޯ" ގެ ޑައިރެކްޓަރު މިހާރު އަންނަނީ އިންޑިއާގެ ކުރީގެ ފުޓްބޯޅަ ތަރި ސައިދު އަބްދުލް ރަހީމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހެދުމަށް ތައްޔާރުވަމުންނެވެ. ބޯނީ ކަޕޫރް ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ބަތަލަކީ އަޖޭ ދޭވްގަން އެވެ.

ބޯނީއަކީ "ބަދާއީ ހޯ" ރިމެކިން ރައިޓްސް ހޯދި ޕްރޮޑިއުސަރެވެ. އެގޮތުން އެ ފިލްމު ތަމަޅަ، ތެލެގޫ، ކަންނާޑާ އަދި މަލަޔާޅަމް ބަހުން ހެދުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.