ކެންސަރުން ސަލާމަތްވެ ރިޝީ އިންޑިއާ އަށް

އެމެރިކާގައި ކެންސަރު ބައްޔަށް ފަރުވާ ކުރާތާ އަހަރެއްހާ ދުވަސް ފަހުން އެކްޓަރު ރިޝީ ކަޕޫރް އަންގާރަ ދުވަހު އިންޑިއާ އަށް ހިނގައްޖެ އެވެ.


ފަތިހުގެ ވަގުތެއްގައި މުމްބާއީ އަށް ދިއުމަށް ފަހު، ކުރި ޓްވީޓެއްގައި އޭނާ ވަނީ 11 މަސް ފަހުން އަމިއްލަ ވަޒަނަށް އާދެވިއްޖެ ކަމަށް ބުނެ، ހެޔޮދުއާކުރި އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

އެމެރިކާގެ ނިއު ޔޯކަށް ފަރުވާއަކަށް ދާކަން ރިޝީ ޓްވިޓާގައި ހިއްސާކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

ރިޝީ އެމެރިކާ އިން އައިސް ކުރި ޓްވީޓް.

އޭރު އޭނާ ފުރައިގެން ދިޔައީ ފަރުވާ ހޯދާ ބަލި ސިއްރުކޮށްފަ އެވެ. ރިޝީ ފަރުވާ ހޯދަނީ ކެންސަރަށްކަން ކަށަވަރުކޮށް ދިނީ އޭނާގެ ގާތް ރައްޓެއްސެއް ކަމަށްވާ ޑައިރެކްޓަރު ރާހުލް ރަވައިލް މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

އެއާ އެކު އާއިލާއިންނާއި ސީދާ ރިޝީ ވެސް ވަނީ ފަރުވާ ހޯދަނީ ކެންސަރަށް ކަމަށް ބުނެފަ އެވެ.

ކެންސަރަށް ފަރުވާ ހޯދާތާ ނުވަ މަސް ފަހުން ދިން އިންޓަވިއުއެއްގައި، ފަރުވާ ހޯދީ ކެންސަރަކަށްކަން ކަށަވަރުކޮށް ދެމުން އޭނާ ބުނީ ބަލިން މިހާރު އެއްކޮށް ފަސޭހަވެފައިވާ ކަމަށެވެ. އެކަމަކު އެމެރިކާގައި އިތުރަށް މަޑުކުރަން ޖެހުނީ ބޯންމެރޯ ޓްރާންސްޕްލާންޓެއް ހަދަން ޖެހުމާއި ފަރުވާގެ ފޮލޯއަޕްތަކެއް ހުރުމުން ކަމަށް ބުންޏެވެ.

ރިޝީ އެމެރިކާ އަށް ފުރަމުން ކުރި ޓްވީޓް.

އެކަމަކު ރިޝީ އުންމީދުކޮށްގެން ހުރީ މި މަހުގެ 4 ގައި ފާހަގަކުރި އޭނާގެ 67 ވަނަ އުފަން ދުވަސް ފާހަގަކުރަން އިންޑިއާ އަށް ދެވޭނެ ކަމަށެވެ. ނަމަވެސް އެ ތާރީހަށް އޭނާ އަށް އިންޑިއާ އަށް ދެވޭ ގޮތް ނުވީ އެވެ.

ރިޝީ ފަރުވާ އަށް ފުރައިގެން ދިޔައީ ޖޫހީ ޗާވްލާއާ އެކު ކުޅެން އޮތް ފިލްމެއްގެ މަސައްކަތް ވެސް ފެށިތަނާ އެވެ. އެހެންވެ އޭގެ މަސައްކަތް އޮތީ އޭނާ އެނބުރި އަންނަންދެން މަޑުޖައްސާލައިފަ އެވެ. ބެލެވޭ ގޮތުން ރިޝީ ދެން ވަރަށް އަވަހަށް ފިލްމީ މަސައްކަތްތަކަށް ވެސް ނުކުންނާނެ އެވެ.

އެމެރިކާގައި ހުއްޓައި ވެސް ރިޝީގެ ފިލްމެއް ޖުލައި މަހު ސިނަމާތަކަށް އަ އެވެ. އެއީ "ޖޫޓާ ކަހީ ކާ" އެވެ.

އޭނާ ފަރުވާ އަށް ދިޔަ ފަހުން އާއިލާގެ ތެރޭގައި ބޮޑެތި ކަންތައްތަކެއް ވެސް ވަނީ ހިނގައިފަ އެވެ. އޭގެ ތެރޭގައި މަންމަ ކްރިޝްނާ ކަޕޫރް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި މަރުވުމާއި ބައްޕަގެ ފިލްމު ސްޓޫޑިއޯ އާރްކޭ މި އަހަރުގެ ކުރީކޮޅު ވިއްކައިލުން ހިމެނެ އެވެ.