ވަރުދާން ޕޫރީގެ ޕާގަލް"ގެ ނަން ބަދަލުކުރަން އަންގައިފި

ކުރީގެ އެކްޓަރު އަމްރިޝް ޕޫރީގެ ކާފަ ދަރި ވަރުދާން ޕޫރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕާގަލް" ގެ ނަން ބަދަލުކުރަން ސެންޓްރަލް ބޯޑް އޮފް ފިލްމު ސަޓިފިކޭޝަން (ސީބީއެފްސީ) އިން އަންގައިފި އެވެ.


މިކަން ކަށަވަރުކޮށް ދެމުން ވަރުދާން ބުނީ ފިލްމުގެ ނަން ބަދަލުކުރަން އެންގީ "ޕާގަލް" އެ ނަމުން، ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް ކުޑައިމީސްކުރެވިދާނެ ކަމަށް ބުނެ އެވެ. އެހެންވެ އެކަން ފިލްމުގެ ޓީމުން ނެގީ ވަރަށް ޕޮޒިޓިވްކޮށް ކަމަށާއި ފިލްމަށް ވާހަކައާ ގުޅޭ އެހެން ނަމަކަށް މިހާރު ވިސްނަމުން އަންނަ ކަމަށް ބުންޏެވެ.

"ސީބީއެފްސީގެ ޑިމާންޑަށް އަހަރެމެން އިހުތިރާމު ކުރަން. އެހެންވެ ފިލްމުގެ ނަން ބަދަލުކުރަން ޖެހުމަކީ މައްސަލައެއް ނޫން،" ވަރުދާން ބުންޏެވެ.

"ޕާގަލް" އަކީ ރޮމޭންޓިކް ތުރިލާއެކެވެ. މި ފިލްމުން ވަރުދާން ބޮލީވުޑަށް ތައާރަފުވެގެންދާ އިރު، ފިލްމު ރިލިޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. މީގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޗެރާގް ރުޕަރެލް އެވެ.

އެކި ސަބަބުތަކާ ހެދި ސީބީއެފްސީގެ އެންގުމަށް މި ފަހުން ފިލްމުތަކުގެ ނަންތައް ބަދަލުކުރަން ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިކަމާ ފިލްމީ ދާއިރާގެ ގިނަ މީހުން އެހާ ހިތްހަމައެއް ވެސް ނުޖެހެ އެވެ.

އެންމެ ފަހުން ނަމަށް ބަދަލެއް ގެނެސްގެން ރިލީޒްކުރަން ޖެހުނު ފިލްމަކީ ޖުލައިގައި ގެނެސްދިން ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯގެ "ޖަޖްމެންޓަލް ހޭ ކިޔާ" އެވެ. އެ ފިލްމަށް ކުރިން ދިން ނަމަކީ "މެންޓަލް ހޭ ކިޔާ" އެވެ.

މި އަހަރު ނަން ބަދަލުކުރަން ޖެހުނު އަނެއް ފިލްމަކީ އިމްރާން ހާޝިމީގެ "ޗީޓް އިންޑިއާ" އެވެ. އެ ފިލްމު ރިލީޒްކުރަން ޖެހުނީ "ވާއި ޗީޓް އިންޑިއާ" ގެ ނަމުގަ އެވެ.