ކޮންގްރެސް ޕާޓީން އުރުމިލާ ވަކިވެއްޖެ

އިންޑިއާގެ ކޮންގްރެސް ޕާޓީއާ މީގެ ފަސް ފަސް ކުރިން ގުޅުނު ބޮލީވުޑްގެ ކުރީގެ ފިލްމީ ބަތަލާ އުރްމިލާ މަޓޯންޑްކަރް އެ ޕާޓީ އަށް ތުހުމުތަކެއްކޮށް، ޕާޓީން ވަކިވެއްޖެ އެވެ.


ކޮންގްރެސް އިން އޭނާ ވަކިވި އިރު، އެ ޕާޓީގެ ޓިކެޓްގައި އެންމެ ފަހުން ބޭއްވި ލޯކް ސަބާ އިންތިހާބުގައި މުމްބާއީގެ އުތުރު ދާއިރާ އަށް ވާދަކޮށް އުރުމިލާ އަށް ވަނީ ނާކާމިޔާބީއާ ވެސް ކުރިމަތިލާން ޖެހިފަ އެވެ.

އެ ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ދެވަނަ ފަހަރަށް ވެސް ކާމިޔާބު ކުރީ ގޮނޑި ފުރަމުން ކުރިން ވެސް ގެންދިޔަ ބީޖޭޕީގެ ކެންޑިޑޭޓް ގޯޕާލް ޝެޓީ އެވެ. އޭނާ އަށް ވޯޓްލީ މީހުންގެ 73 ޕަސަންޓް ލިބުނު އިރު، އުރުމިލާ އަށް ލިބުނީ ވޯޓްލީ މީހުންގެ 22.4 ޕަސަންޓް ވޯޓެވެ. އެއީ އެންމެ 39،977 ވޯޓެވެ.

މިކަމާ ގުޅިގެން އޭނާ ވަނީ އަލުން ވޯޓް ގުނުމަށް ބާރު އެޅުމަށް ވެސް ކޮންގްރެސް އަށް ގޮވާލައިފަ އެވެ.

ޕާޓީން ވަކިވިކަން ހާމަކޮށް އުރުމިލާ ނެރުނު ބަޔާނުގައި ބުނީ އޭނާ ކޮންގްރެސް އިން ވަކިވަނީ އިންތިހާބުގެ ތެރޭގައި ދިމާވި ކަންތައްތަކާއި އޭގެ ފަހުން ވެސް ޕާޓީގެ ތެރޭގައި ހުރި ކަންކަމާ ގުޅޭ ގޮތުން ވެރިންނަށް އެކި ފަހަރު މަތިން އެކި ކަންކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކައިގެން މިހާތަނަށް އެއްވެސް ހައްލެއް އަދި ހަރުދަނާ ފިޔަވަޅެއް ވެސް އަޅާފައި ނުވާތީ އެވެ. އަދި ޕާޓީގެ ތެރޭގައި ހުރި ދޯހަޅި ކަންކަމާ ހެދި ޕާޓީ އަށް އެކި ކަންކަމާ ގުޅޭ ގޮތުން ފޮނުވާ ލިޔުންތައް ވެސް އާންމުވުމަކީ ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ކަންބޮޑުވެ، ޕާޓީގެ ތެރެއިން ރައްކާތެރި ކަމެއް ނެތް ކަމުގެ ހެއްކެއް ކަމަށް ވެސް ބުންޏެވެ.

އެހެންވެ ޒިންމާދާރުކަން ކުޑަ އަދި ބަސް ނުވިކޭ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރުމުގެ މާނައެއް ނެތް ކަމަށް އުރުމިލާ ބުންޏެވެ. އޭނާ ބުނިގޮތުގައި ކޮންގްރެސް ޕާޓީގައި މިހާރު އަމާޒެއް ނެތެވެ. އަދި ޕާޓީ ކޮންޓްރޯލް ކުރަނީ އޭގެ ތެރޭގައި ތިބި ވަކި ބަޔަކު ކަމަށް ވެސް ބުންޏެވެ.

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދައިލި ބަތަލާއިންގެ ތެރޭގައި ހިމެނޭ އުރުމިލާ ކޮންގްރެސް ޕާޓީ އަށް ސޮއިކުރީ މާޗް 27 ގަ އެވެ.

އޭނާ އޭރު ބުނީ ފިލްމީ ކެރިއަރު ނިމުމަކަށް އައިސްފައިވާތީ، ސިޔާސީ ދާއިރާ އިން ރައްޔިތުންނަށް ހިދުމަތް ކުރުމަކީ މިހާރު ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރާތީ ކޮންގްރެސްއާ ގުޅުނީ ކަމަށެވެ. އަދި ގޮނޑި ކާމިޔާބު ނުކުރެވުނަސް، ކޮންގްރެސްއާ އެކު ސިޔާސީ މަސައްކަތުގައި ދެމިހުންނާނެ ކަމަށް އިންތިހާބުގެ ނަތީޖާ އަށް ފަހު އުރްމިލާ ބުންޏެވެ.