ކްރިސް ހެމްސްވޯތުގެ "ޑާކާ" ގެ ނަން "އެކްސްޓްރެކްޝަން" އަށް

އިންޑިއާގެ އެކްޓަރުންތަކެއް ހިމަނައިގެން އަދި އެ ގައުމުގައި މަންޒަރުތަކެއް ވެސް ނަގާފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތުގެ ފިލްމު "ޑާކާ" ގެ ނަން "އެކްސްޓްރެކްޝަން" އަށް ބަދަލުކޮށްފި އެެވެ.


މިއީ މި ފިލްމުގެ ނަން ބަދަލުކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފިލްމަށް ދިން ނަމަކީ "އައުޓް އޮފް ދަ ފަޔާ" އެވެ. އެކަމަކު ޝޫޓިން ފެށުމުގެ ކުރިން "ޑާކާ" އަށް ނަން ބަދަލުކުރި އެވެ.

"އެކްސްޓްރެކްޝަން" ގައި ދައްކުވައިދޭނީ ޖަލުގައި ބަންދުކޮށްފައިވާ ބޮޑު ކުށްވެރިއެއްގެ ފިރިހެން ދަރިފުޅު ކިޑްނެޕްކުރުމުން އޭނާ ސަލާމަތްކުރަން ހަވާލުވާ މީހަކު ނުރައްކާތެރި އަންޑަވޯލްޑްގެ ބަޔަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދާ ގޮތެވެ.

ދެހާސް އަށާރަ ވަނަ އަހަރު އިންޑިއާގައި ގިނަ މަންޒަރުތަކެއް ނެގި ފިލްމުގައި މާވެލްގެ "ތޯ" ގެ ކެރެކްޓާ ކުޅޭ ކްރިސްއާ އެކު ފެނިގެންދާނެ އިންޑިއާގެ ތަރިންގެ ތެރޭގައި ރަންދީޕް ހޫޑާ އާއި މަނޯޖް ބަޖްޕާއީ އާއި ޕަންކަޖް ތުރިޕަތީ އާއި ރުދުރަކްޝް ޖެއިސްވާލްގެ އިތުރުން ރޯހިތު ސުޚްވާނީ ހިމެނެ އެވެ.

"އެވެންޖާޒް" ގެ ފިލްމުތަކުގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުޒޯ ޕްރޮޑިއުސްކޮށްފައިވާ މި އެކްޝަން ތުރިލާގެ ކާސްޓުންގެ ތެރޭގައި ޑޭވިޑް ހާބާ އާއި ޑެރެކް ލޫކާއި ފޭ މަސްޓަސަންގެ އިތުރުން މާކް ޑޮނާޓޯ ވެސް ހިމެނެ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ޖޯ އެވެ.

އަންނަ އެޕްރީލް މަހުގެ 24 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރާނެ ކަމަށް ބެލެވޭ "އެކްސްޓްރެކްޝަން" ޑައިރެކްޓްކޮށްފައި ވަނީ ސޭމް ހާގްރޭވެ. މި ފިލްމުގެ މަންޒަރުތައް އިންޑިއާގެ އިތުރުން ބަންގްލަދޭޝް އާއި ތައިލެންޑްގައި ވެސް ނަގާފައިވެ އެވެ.