ދީޕިކާ ޕަދްކޯންގެ "އިންޓާން" އިން ރިޝީ ކަޕޫރް ފެނުމުގެ ފުރުސަތު ކުޑަ

ދީޕިކާ ޕަދްކޯން ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ކުޅޭ ގޮތަށް ދާދި ފަހުން އިއުލާންކުރި ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމެކުން ރިޝީ ކަޕޫރް ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ރިޝީ އަށް ހުށަހަޅާފައި ވަނީ އޮރިޖިނަލް ފިލްމުގައި ރޮބަޓް ޑި ނީރޯ ކުޅުނު ކެރެކްޓާ އެވެ. އަދި ދީޕިކާ ކުޅޭނީ އަނަ ހެތަވޭ ކުޅުނު ރޯލެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި "ދި އިންޓާން" އިން ރިޝީ ފެނުމުގެ ފުރުސަތު ކުޑައީ މި ފަހަކަށް އައިސް އޭނާ ސިއްހީ މައްސަލަތައް ކުރިމަތިވެ، ދޭތެރެ ދޭތެރެ އިން ހޮސްޕިޓަލްގައި އެޑްމިޓްކުރާތީ ރިޝީއާ އެކު ފިލްމުގެ މަސައްކަތް ކުރިއަށް ގެންދަން ދަތިކަމަކަށް ވެދާނެތީ އެވެ.

ބައެއް ނޫސްތަކުން ބުނިގޮތުގައި މިކަމާ ބެހޭ ގޮތުން ދީޕިކާ އާއި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ސުނިލް ކެތުރިޕާލް މިހާރު އަންނަނީ ރިޝީގެ ބަދަލުގައި ފިލްމަށް ނަގާނެ އެކްޓަރަކާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރަމުންނެވެ.

އަހަރެއް ވަންދެން އެމެރިކާގައި ކެންސަރަށް ފަރުވާ ހޯދުމަށް ފަހު، ރިޝީ އެނބުރި އިންޑިއާ އަށް ދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އަދި އަލުން ފިލްމީ މަސައްކަތް އޭނާ ކުރަން ފަށާފައިވާ އިރު މިދިޔަ މަހު ވެސް ހާލު ގޯސްވެގެން ހޮސްޕިޓަލްފައި އެޑްމިޓްކޮށްގެން ދެ ފަހަރެއްގެ މަތިން ފަރުވާދޭން ޖެހިފައިވެ އެވެ.

"ދި އިންޓާން" ގެ ހިންދީ ރިމެކް އިއުލާންކުރީ ޖެނުއަރީ މަހު އެވެ. އަންނަ އަހަރު މި ފިލްމު ގެނެސްދޭން ނިންމި ނަމަވެސް ވަކި ތާރީހަކާއި ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއްނުކުރެ އެވެ.