ބޭނުމީ އިންޑިއާގެ އެންމެ މުއްސަނދި މީހާ އަށް ވާން: ކަންގަނާ ރަނާވަތު

ބޮލީވުޑްގައި މިހާރު އާދެވިފައި ހުރި ހިސާބަށް ދެވޭނެ ކަމަށް ކުރިން އެއްވެސް ވަރަކަށް އުންމީދު ނުކުރާ ކަމަށާއި ދެން ބޭނުން ވަނީ އުމުރުން 50 އަހަރާ ހަމައަށްދާ އިރު، އިންޑިއާގެ އެންމެ މުއްސަނދި މީހާ އަށް ވާން ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.


އުމުރުން އެންމެ 17 އަހަރުގައި 2006 ގައި ބޮލީވުޑަށް ނުކުތް ބަތަލާ އަކީ މި ވަގުތު ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކަކެވެ. އަދި ކަންގަނާ އަކީ އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ އެއް ބަތަލާ އެވެ.

ފިލްމު ކުޅެގެން ހޯދި އާމްދަނީން އޭނާ ވަނީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަނާލީގައި ގަނޑުވަރެއް ފަދަ ޒަމާނީ ގެއެއް ވެސް ބިނާކޮށްފަ އެވެ. އެތަނުގެ އަގު 30 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) އަށް އަރަ އެވެ. އަދި ކަންގަނާ އަކީ އޭނާގެ އަމިއްލަ ފިލްމު ކުންފުނި މަނިކަރުނިކާ ފިލްމްސް ހިންގަން މުމްބާއީގެ ޕާލީ ހިލްސް އިން ވެސް 48 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) އިމާރާތެއް ވެސް ގަނެފައިވާ ތަރިއެކެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި، ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުނީ ފައިސާ އާއި ތަނަވަސްކަން ފަދަ މާއްދީ ކަންކަމަކީ ކުރިން އެހާ ބޮޑަށް ވިސްނިކަމެއް ނޫން ކަމަށެވެ. އެކަމަކު ފިލްމު ކުޅޭ އަންހެނެއްގެ ހައިސިއްޔަތުން ބޭނުންވި އެއް ކަމަކީ ދެ ޖިންސްގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ކުޑަކުރަން ކަމަށް ބުންޏެވެ.

"ފައިސާ އަކީ އަހަރެން އެހާ ސީރިއަސްކޮށް ވިސްނާ ކަމެއް ނޫން. އެކަމަކު ކުރާ މަސައްކަތަކާއި އަދާކުރާ ދައުރަށް ބަލާ އިރު ކޮންމެ ކަމެއްގައި ވެސް ފައިސާ ކުޅޭ ރޯލާއި އޭގެ މުހިއްމުކަން ބޮޑުވޭ،" މިހާރު ފިލްމު ޑައިރެކްޝަނަށް ވެސް ނުކުމެފައިވާ ކަންގަނާ ބުންޏެވެ.

އޭނާ ބުނީ ރަށްފުށުގެ އާދައިގެ އާއިލާއަކުން ބޮލީވުޑަށް ނުކުތް މީހެއްގެ ހައިސިއްޔަތުން މިހާތަނަށް ހާސިލުކުރެވުނު ކާމިޔާބިއާ ދޭތެރޭ އުފާކުރާ ކަމަށެވެ. އަދި އެ ކާމިޔާބީ ފަހަރުގައި ރަންވަޅު ކޮނުން ފަދަ ކަމެއްގެ ގޮތުގައި ބަޔަކު ސިފަ ވެސް ކޮށްފާނެ ކަމަށް ބުންޏެވެ.

"ކާމިޔާބީ އަކީ ހަގީގަތުގައި ވެސް ބުރަކޮށް މަސައްކަތްކުރާ މީހުންގެ ހައްގެއް. އަހަރެންގެ މިހާރުގެ އަމާޒަކީ އުމުރުން ފަންސާސް އަހަރާ ހަމައަށް ދާ އިރު އިންޑިއާގެ އެންމެ މުއްސަނދި މީހާ އަށް ވުން." ކަންގަނާ ބުންޏެވެ.