ދީޕިކާ އަކީ ހުނަރުން ފުރިގެންވާ ބަތަލާއެއް: ކަބީރް ޚާން

ޑައިރެކްޓަރު ކަބީރް ޚާންގެ ކުރިއަށް އޮތް ފިލްމު "83" ގެ ބަތަލު ރަންވީރު ސިންގަށް ތައުރީފުކުރުމަށް ފަހު، އެ ފިލްމުގެ ރޯލެއް ކުޅެފައިވާ ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯނަށް ވެސް ކަބީރު ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.


ކޮވިޑް-19 ގެ ސަބަބުން އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ ހެދި ރިލީޒްކުރުން ފަސްކޮށްފައިވާ ފިލްމުގައި ރަންވީރު ކުޅެފައި ވަނީ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވްގެ ރޯލެވެ. ދީޕިކާ ކުޅުނީ ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ. އެކަމަކު އެއީ "83" ގެ ވަރަށް ކުރު ރޯލެކެވެ.

ނަމަވެސް ދީޕިކާއާ އެކު އަލަށް ކުރި ތަޖުރިބާ ހިއްސާކުރަމުން ކަބީރް ބުނީ ޒުވާން ބަތަލާ އަކީ އޭނާ ކުރިން ހީކުރި ވަރަށް ވުރެ މާ ހުނަރުވެރި، މޮޅު ބަތަލާއެއް ކަމަށެވެ.

"އަހަރެން އެންމެ އަންތަރީސްވީ ކެމެރާ ކުރިމަތީގައި ދީޕިކާ ރޯމީ އަށް ބަދަލުވެލައި ކެރެކްޓާ އަށް އޭނާ ފޯކަސްކުރާވަރު ފެނިފައި،" ކަބީރް ބުންޏެވެ.

އޭނާ ބުނިގޮތުގައި މަންޒަރު ކިޔައިދީފައި، ޝޮޓް ރެޑީކޮށްފައި ގޮސް މޮނީޓަރު ކައިރީގައި ބަލަން އިންނަ އިރު، ފެންނަނީ ދީޕިކާގެ ބަދަލުގައި ރޯމީ އެވެ.

"83" ގައި ރަންވީރާއި ދީޕިކާ ފެންނާނެ ގޮތް.

"އެހެންވެ ވާ ގޮތަކީ ޝޫޓިންގެ ތެރޭގައި ޑައިރެކްޓަރަކަށް ވުރެ ބޮޑަށް އޯޑިއަންސެއްގެ ގޮތުގައި އަހަންނަށް ދީޕިކާ އަށް ބަލަން ހުރެވެނީ. އޭނަ އަކީ ހަގީގަތުގައި ވެސް ވަރަށް ހުނަރުވެރި، ކަމަށްކަމޭ ހިތައިގެން މަސައްކަތްކުރާ ބަތަލާއެއް،" ކެޓްރީނާ ކެއިފާއި ކަރީނާ ކަޕޫރް ފަދަ ބަތަލާއިންނާ އެކު މަސައްކަތްކޮށްފައިވާ ކަބީރް ބުންޏެވެ.

އޭނާ ބުނިގޮތުގައި ފިލްމީ ތަރިއެއްގެ ފަރާތުން ފެންނަން ޖެހޭ ޕްރޮފެޝަނަލްކަމުގެ ހުރިހާ ކޮލިޓީއެއް ދީޕިކާގެ ފަރާތުން ފެނިފައިވެ އެވެ. އެހެންވެ އޭނާއާ އެކު ކުރި މަސައްކަތާ ދޭތެރޭ 100 ޕަސަންޓް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

"އަހަރެން ދީޕިކާއާ އެންމެ ގަވާޔާ ކަމަކީ ވަރަށް ހިތްވަރު ގަދަ ބަތަލާއަކަށްވެފައި އޭނާ ކެރިއަރު ބައްޓަން ކުރަމުންދާ ގޮތް ފުރިހަމަކަމުން،" ކަބީރް ބުންޏެވެ. "އޭނަގެ ކެރިއަ ގްރާފަށް ބަލައިފި ނަމަ ކުޅުނު ފިލްމުތަކުން މި ބުނާ ވާހަކަ ހެއްކަކަށް ފުދޭނެ."

ކުރިން މިދިޔަ އެޕްރީލް މަހުގެ 10 ގައި ރިލީޒްކުރަން އޮތް "83" އަކީ 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރަން އިންޑިއާ ކުރި މަސައްކަތް ދައްކުވައިދޭ ސްޕޯޓްސް ޑްރާމާއެކެވެ. މި ފިލްމުން ވަރަށް ގިނަ އަދަދެއްގެ އެކްޓަރުން ފެނިގެންދާނެ އެވެ.

"83" އަކީ ދީޕިކާގެ ދެމަފިރިން ކަބީރާ އެކު މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. އަދި މިއީ 2018 ގެ ކައިވެންޏަށް ފަހު، ދެ ތަރިން އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.