ބިޔޯންސޭ އަށް ރައްދުވި ލަވައަށް "އިސްލާހެއް"

އަންނަ މަހުގެ 2 ގައި ޕްރިމިއާކުރާ ފިލްމު "ކާލީ ޕީލީ" އިން ދައްކައިލި ލަވަ "ބިޔޯންސޭ ޝަރުމާ ޖާއޭގީ" ގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ނަން ހިމެނޭތީ އެކަމަށް ބައެއް މީހުން ފާޑުކިޔަން ފެށުމުން ގާނޫނީ މައްސަލަގަނޑެއްގެ ތެރެއަށް ވެސް ވެއްޓިދާނެތީ ފިލްމުގެ ލަވަ އަށް ގެންނަން ނިންމި އިސްލާހުގެ ތެރެއިން ވަރަށް "ކޫސަނި" ބަދަލެއް ގެނެސްފި އެވެ.


ވިޝާލް-ޝޭކަރްގެ މިއުޒިކަށް ހަދާފައިވާ ލަވަ އަށް ގެނައި ބަދަލަކީ ބިޔޯންސޭގެ ސްޕެލިން އަށް ބަދަލު ގެނައުމެވެ. އެގޮތުން "Beyonce" ގެ ބަދަލުގައި މިހާރު ލަވައިގެ ޅެމުގައި އެ ނަން ލިޔެފައި އިނީ "Beyonse" އެވެ. ތަފާތަކީ މިހާރު "ސީ" އަކުރާއި "އެސް" ގެ ތަފާތެވެ. އެކަމަކު ލަވައިން އަޑު އިވެނީ ހަމަ ބިޔޯންސޭ ކިޔާ އަޑެވެ.

ލަވަ އަށް ގެނައި އިސްލާހާ ބެހޭ ގޮތުން "ކާލީ ޕީލީ" ގެ ޑައިރެކްޓަރު މަގުބޫލް ޚާން ބުނީ ބިޔޯންސޭގެ ނަމާ އެކު ލަވައިގެ ޅެމުގައި ގޮރިޔާ (ދޮންކަން) ހިމަނާފައި އޮތީ ބިޔޯންސޭ އަކީ ކަޅު ނަސްލުގެ ފަންނާނަކަށްވުމުން އެކަމާ ގުޅުވައިގެން ނޫން ކަމަށެވެ. އަދި އެއީ ގަސްތުގައި ޅެން ގެނެސްފައި އޮތް ގޮތެއް ނޫން ކަމަށް ވެސް ބުންޏެވެ.

"އެހެންވެ ފުރަތަމަ ލަވަ އާންމުކުރުމާ އެކު ކަންބޮޑުވުން ފާޅުކުރި އެންމެންގެ ކިބައިން މާފަށް އެދެން. އަސްލު ބިޔޯންސޭގެ ނަން ގެނެސްފައި އޮތީ އަންހެން ކުއްޖެއްގެ އެޓިޓިއުޑް ސިފަކޮށް ދިނުމުގެ ގޮތުން. ހަގީގަތަކީ ބިޔޯންސޭ އަކީ އަހަރެމެން އެންމެން ވެސް ވަރަށް ގަޔާވާ، ލޯބިވާ އަދި އޭނަ ގެންގުޅޭ އެޓިޓިއުޑް ވެސް ކޮޕީކުރާ ފަންނާނެއްކަން،" މަގްބޫލް ބުންޏެވެ.

"ބިޔޯންސޭ ޝަރުމާ ޖާއޭގީ" ގެ ޅެން ހެދީ ކުމާރާއި ރާޖް ޝޭކަރެވެ. ލަވަ ކިޔާފައި ވަނީ ނީތީ މޯހަނާއި ނަކަޝް އަޒީޒެވެ.

ރޮމޭންޓިކް-އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭ "ކާލީ ޕީލީ" އަކީ ޒުވާން ދެ ތަރިން ކަމަށްވާ އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭ ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމަކީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކޮށް، މަގުބޫލް ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ކާލީ ޕީލީ" ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ ޒީ ޕްލެކްސްއިންނެވެ.