ބޮކްސިން ތެޅުންތެރިއެއްގެ ރޯލަށް ޓައިގާ ޝްރޮފް

މިދިޔަ އަހަރު ރިތިކް ރޯޝަނާ އެކު "ސުޕަ 30" ގެނެސްދިން ޑައިރެކްޓަރު ވިކާސް ބާލްގެ އާ ފިލްމު "ގަންޕަތު" އަށް ޓައިގާ ޝްރޮފް ސޮއިކޮށްފި އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމަކީ މުމްބާއީގައި ދިރިއުޅޭ ވަރުގަދަ ބޮކްސިން ތެޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެގޮތުން "ގަންޕަތު" ގެ ޓައިޓްލް ރޯލު ޓައިގާ ކުޅޭއިރު، އެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ބޮކްސިންގެ ޓްރޭނިން އާއި މާޝަލް އާޓްސްގެ އެކި ފޯމްތަކުގެ އިތުރުން މުމްބާއީގައި ވާހަކަ ދައްކައި އުޅޭ ރާގުގަނޑު ދަސްކުރުމުގެ މަސައްކަތް ވެސް ޒުވާން އެކްޓަރު އަންނަނީ ކުރަމުންނެވެ.

"ގަންޕަތު" ގެ ޝޫޓިން އަންނަ މަހު ފަށާ ގޮތަށް އެއްވާނެއްގައި ކުރިއަށް ގެންގޮސް މި އަހަރު ނިމުމުގެ ކުރިން ޝޫޓިން ނިންމައިލާނެ އެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނާނީ އަހަރުގެ މެދުތެރޭގަ އެވެ. މި ފިލްމުވެގެން ދާނީ ވިކާސްއާ އެކު ޓައިގާ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

ހަންގާމާ އިން ބުނިގޮތުގައި "ގަންޕަތު" އިން ވަރަށް ތަފާތު ޓައިގާއެއް ފެނިގެންދާނެ އެވެ. އަދި މި ފިލްމަކީ އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ އެންމެ ވަރުގަދަ އެއް ފިލްމަށްވާނެ އެވެ. ވިކާސް އަކީ 2014 ގެ "ކްއީން" އިން ބަތަލާ ކަންގަނާ ރަނާވަތު އަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ހޯދައި ދީފައިވާ ޑައިރެކްޓަރަށްވާތީ ޓައިގާގެ މި ފިލްމަކީ އޭނާގެ މޮޅު އެކްޓިންއެއް ވިކާސް ނެރޭނެ ފިލްމެއްކަމާ ދޭތެރޭ ޝައްކެއް ނެތެވެ.

"ގަންޕަތު" ގެ ތައްޔާރީތައް ވަމުން އަންނަ އިރު، ޓައިގާގެ އަތުގައި މި ވަގުތު ވެސް އިތުރު ދެ ފިލްމެއް އެބައޮތެވެ. އެއީ އޭނާ ބޮލީވުޑަށް ނުކުތް 2014 ގެ ފިލްމު "ހީރޯޕަންތީ" ގެ ސީކްއެލް "ހީރޯޕަންތީ 2" އެވެ.

މި އަހަރުގެ މާޗްގައި ރިލީޒްކުރި ޓައިގާގެ "ބާގީ 3" ގެ ޑައިރެކްޓަރު އެހުމަދު ޚާން ހަދާ އެ ފިލްމުގެ ޝޫޓިން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލަށެވެ. އަދި ރޯހިތު ދަވަން ޑައިރެކްތްކުރާ ޓައިގާގެ "ރާމްބޯ" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.