ސުން ރޭޓުން ޑިއުޓީ ނަގާ މުދަލުގެ އަދަދު އިތުރުވެ އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ ދަށްވެއްޖެ

މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 20 ޕަސެންޓް އިތުރުވެފައިވީ ނަމަވެސް، ސުން ރޭޓުން ޑިއުޓީ ނަގާ މުދަލުގެ އަދަދު އިތުރުވުމުގެ ސަބަބުން ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.


ކަސްޓަމްސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އަށް އެތެރެކޮށްފައި ވަނީ 2.6 ބިލިއަން ރުފިޔާގެ މުދާ ކަމަށެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު 3.1 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 21 ޕަސެންޓް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިމްޕޯޓްކޮށްފައިވާ އިރު، ސިންގަޕޫރުން 14 ޕަސެންޓް އަދި އިންޑިއާ އިން 11 ޕަސެންޓް އެތެރެކޮށްފައިވެ އެވެ.

އެހެން ނަމަވެސް، އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު އެއް ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން، މިދިޔަ މަހު އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 223 މިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 224 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

"މިދިޔަ މަހު އިމްޕޯޓް އިތުރުވެފައިވީ ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު އިމްޕޯޓް ޑިއުޓީގެ މިންވަރު ދަށްވެފައިވަނީ އަލަށް ހަދާ ރިސޯޓްތަކަށާއި އެކިއެކި ޕްރޮޖެކްޓްތަކަށް ޑިއުޓީ މައާފްކޮށް އިމްޕޯޓްކޮށްފައިވާ މުދަލުގެ މިންވަރު އިތުރުވެފައިވުމާއި ސުން ރޭޓުން ޑިއުޓީ ނެގޭ މުދާ އިމްޕޯޓްކޮށްފައިވާ މިންވަރު އިތުރުވެފައިވާތީ އެވެ،" ކަސްޓްމަސް އިން ބުނެފައިވެ އެވެ.

އެ ތަނުން ބުނީ މިދިޔަ މަހު އެކިއެކި ކަންކަމަށް 856 މިލިއަން ރުފިޔާގެ މުދާ ޑިއުޓީ މައާފްކޮށް އިމްޕޯޓްކޮށްފައިވާ ކަމަށާއި ސުން ރޭޓުން ޑިއުޓީ ނެގޭ 1.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓްކޮށްފައިވާ ސުން ރޭޓުން ޑިއުޓީ ނެގޭ މުދަލާ އަޅާބަލާއިރު 17 ޕަސެންޓް އިތުުރު އަދަދެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ސުން ރޭޓުގައި ޑިއުޓީ ނަގަނީ އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް އެތެރެކުރާ ތަކެތިންނެވެ.

މީގެ އިތުރުން، މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 38 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 335 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާ އިރު، މިދިޔަ މަހު މި އަދަދު ވަނީ 208 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

މިދިޔަ މަހު އެކްސްޕޯޓްކުރި މުދަލުގެ 27 ޕަސެންޓް އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ.