ދިރާގުން މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ދޭން ވާވޭ އާއި ނޮކިޔާއާ އެކު ސޮއިކޮށްފި

އަންނަ އަހަރު މުޅި ރާއްޖެއަށް 4ޖީގެ ހިދުމަތް ފޯރުކޮށްދޭން ދިރާގުން ފަށާފައިވާ ބޮޑު މަޝްރޫއު އަށް ބޭނުންވާ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ހޯދަން ނޮކިޔާ އަދި ޗައިނާގެ ވާވޭ ކުންފުންޏާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.


މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ދިނުމުގެ މަޝްރޫއު ދިރާގުން ފެށީ މިދިއަ ހަފުތާގަ އެވެ.

ދިރާގުން ބުނީ މި މަޝްރޫއު ބާރު މިނުގައި ކުރިއަށް ގެންދަން މި ދެ ކުންފުންޏާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ދިރާގުން ސޮއިކުރި ވާވޭ ކުންފުންޏަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް އެންމެ ޒަމާނީ ނެޓްވޯކްތައް ގާއިމްކުރަމުން އަންނަ މަޝްހޫރު ކުންފުންޏެކެެވެ. އަދި ނޮކިޔާ އަކީ ވެސް ތަޖުރިބާ ލިިބިފައިވާ ބޮޑު ކުންފުންޏެކެވެ.

ދިރާގުން ކުރިން ބުނެފައިވާ ގޮތުގައި މި މަޝްރޫއު ނިމުމުން ރަށްރަށުގައި ވެސް ހޯމް ބްރޯޑްބޭންޑުގެ ހިދުމަތް މިހާރަށް ވުރެ އެތައް ގުނައެއް ހަލުވިވެ، ފުރިހަމަވެގެން ދާނެ އެވެ.

މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ފޯރުކޮށްދޭމް ދިރާގުން ފެށި ބޮޑު މަޝްރޫއަށް ބޭނުންވާ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ފޯރުކޮށްދޭން ނޮކިއާ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: ދިރާގު

"އާބާދީގެ ގޮތުން ކިތަންމެ މީސްކޮޅު ކުޑަ ރަށެއް ނަމަވެސް މާލެއެކޭ އެއްފަދައިން އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އިންޓަނެޓުގެ ހިދުމަތް ބޭނުންވާ ސަރަހައްދުތަކަށް ދިރާގުގެ އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް،" މި މަޝްރޫއު ފަށަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 4ޖީގެ ހިދުމަތް ތައާރަފް ކުރުމަށް ފަހު، ރަށްރަށަށް މި ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ވަނީ ހއ. ދިއްދޫ، އައްޑޫ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫ، ޅ. ނައިފަރު، ޅ.ހިންނަވަރު، ރ. ދުވާފަރު، ލ. މަތިމަރަދޫ، ލ. ތުނޑި، ނ. ވެލިދޫ، ދ. ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައި ދިރާގުން ވަނީ 4ޖީގެ ދޭން ފަށައިފަ އެވެ. އެއާ އެކު، ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 4ޖީގެ ހިދުމަތް ވަނީ ދީފަ އެވެ. އެހެންވެ، ދިރާގަކީ ރާއްޖޭގެ އެންމެ ބޮޑު 4ޖީ ނެޓްވޯކެވެ.

މީގެ އިތުރުން، ދިރާގުން އަންނަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3ޖީގެ ހިދުމަތް ވެސް ދެމުންނެވެ. އަދި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކުރަން ދިރާގުން ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް އެންމެ ޒަމާނީ ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމެއް ގާއިމްކޮށްފަ އެވެ.