ޗުއްޓީ ހޭދަކުރަން ދާން އިނގިރޭސިން އެންމެ ގިނައިން ގޫގްލް ކުރަނީ ރާއްޖެ

އިނގިރޭސިން ޗުއްޓީ ހޭދަކުރަން ދިއުމަށް ގޫގްލް އިން އެންމެ ގިނައިން ހޯދަނީ ރާއްޖެއާ ބެހޭ މައުލޫމާތު ކަމަށް ދައްކައިފި އެވެ.


އިއްޔެ އާންމުކުރި ގޫގްލް ޓްރެންޑްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓްރެވަލް ކެޓަގަރީން މި އަހަރުގެ ތެރޭގައި އިނގިރޭސިން އެންމެ ގިނައިން ސާޗްކޮށްފައި ވަނީ ރާއްޖެ އެވެ. ދެން އެންމެ ގިނައިން ސާޗްކޮށްފައި ވަނީ ސްޕެއިންގެ މަލާގާ އަދި ޓެނެރީފް އެވެ.

މީގެ އިތުރުން، އެމެރިކާގެ ނިއު ޔޯކް އަދި ފްލޮރިޑާ އާއި ކެނެޑާ އާއި މެކްސިކޯ ވެސް، ޗުއްޓީ ހޭދަކުރަން ދިއުމަށް އިނގިރޭސިން އެންމެ ގިނައިން މައުލޫމާތު ހޯދި 10 ގައުމުގެ ތެރޭގައި ހިމެނެ އެވެ.

އިނގިރޭސި ވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގޮތުން، ޔޫރަޕް މާކެޓުގެ އެންމެ މުހިންމު އެއް ގައުމު ކަމަށްވާ އިނގިރޭސި ވިލާތުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މިދިޔަ އޮކްޓޯބަރު މަހު ވަނީ 18 ޕަސެންޓް އިތުރުވެ، 9،111 އަށް އަރައިފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 85،194 އިނގިރޭސިން ރާއްޖެ އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އިނގިރޭސި ވިލާތުން ރާއްޖެ އައި 76،243 މީހުންނާ އަޅާބަލާއިރު 11.7 ޕަސެންޓް އިތުރު އަދަދެކެވެ.

އިނގިރޭސިންގެ މެދުގައި އެންމެ މަގުބޫލް މަންޒިލްގެ ގޮތުގައި ރާއްޖެ ހިމެނުނު އިރު، ޗައިނާގެ އާއިލާތަކުގެ މެދުގައި ޗުއްޓީ ހޭދަކުރަން ދާން އެންމެ ކަމުދާ ޖަޒީރާ ގައުމުގެ އެވޯޑް ވެސް މިދިޔަ ހަފްތާގައި ރާއްޖެ އަށް ވަނީ ލިބިފަ އެވެ. އަދި ޗައިނާ އިން ބޭރަށް ދަތުރުކުރާ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު ހެދި ސާވޭއަކުން ވެސް ދައްކާފައިވެ އެވެ.