އިންޑިއާ ޓޫރިސްޓުންގެ މެދުގައި އަންނަ އަހަރު ވެސް އެންމެ މަގުބޫލް އެއް މަންޒިލަކަށް ރާއްޖެ ވާނެ: ސާވޭ

ޗުއްޓީ ހޭދަކުރަން ދާ އިންޑިއާ މީހުންގެ މެދުގައި އެންމެ މަގުބޫލް އެއް ގައުމަކަށް އަންނަ ވެސް އަހަރު ރާއްޖެ ވާނެ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.


ފްލައިޓް ބުކިންގެ ހިދުމަތް ދޭ މަޝްހޫރު ވެބްސައިޓް، ސްކައިސްކޭނާ އިން ނެރުނު ޓްރެވަލް ޓްރެންޑްސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންޑިއާ ޓޫރިސްޓުންގެ މެދުގައި ތިންވަނަ އަށް އެންމެ މަގުބޫލް މަންޒިލަކަށް ވާނީ ރާއްޖެ އެވެ. އެގޮތުން، އެ ވެބްސައިޓް މެދުވެރިކޮށް އިންޑިއާ މީހުން ރާއްޖެ ސާޗްކުރި މިންވަރު މިދިޔަ ތިން އަހަރުގެ ތެރޭގައި 22 ޕަސެންޓް އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ސްކައިސްކޭނާ އިން ބުނީ އިންޑިއާ މީހުންގެ މެދުގައި އެންމެ މަގުބޫލް ތިން މަންޒިލަކީ ސިންގަޕޫރު، އިންޑޮނީޝިއާގެ ބާލީ އަދި މެލޭޝިއާާ ކަމަށެވެ. އަދި އެންމެ ބޮޑު ކުރިއެރުމެއް ވެސް ހޯދާފައި ވަނީ ސިންގަޕޫރުން ކަމަށް ބުންޏެވެ. އެގޮތުން، އެ ވެބްސައިޓް މެދުވެރިކޮށް އިންޑިއާ މީހުން ސިންގަޕޫރު ސާޗްކުރި މިންވަރު މިދިޔަ ތިން އަހަރުގެ ތެރޭގައި 202 ޕަސެންޓް އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ކުރިއަރަމުން އަންނަ އެއް މާކެޓެވެ. އެގޮތުން، އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅައި ބަލާއިރު މިދިޔަ އޮކްޓޯބަރު މަހު 45.1 ޕަސެންޓް އިތުރުވެ، 6،301 އަށް ވަނީ އަރައިފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ބައި ލައްކަ އަށް ވުރެ ގިނަ އިންޑިއާ މީހުން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 26.4 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެ އަށް މި އަހަރު އެއް މިލިއަން ޓޫރިސްޓުން އައުން މިދިޔަ ސެޕްޓެމްބަރު ފާހަގަކުރި އިރު، އެ ޝަރަފް ވެސް ލިބުނީ އިންޑިއާގެ ދެމަފިރިންނަށެވެ.

މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރިޔަސް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ މާކެޓް ވަރަށް ބޮޑަށް ދަށްވުމުން މިދިޔަ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެންނަން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ.

އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުކޮށް، ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން، ގިނަ ފެއާތަކެއްގައި ބައިވެރިވުމާއި ރާއްޖޭގައި ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާއެއް ބޭއްވުމުގެ އިތުރުން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގެންގުޅޭ އުސޫލުތައް ބަދަލުކުރުން ހިމެނެ އެވެ.