2016: އަގު ބޮޑު މަޝްރޫއުތަކެއްގެ ފެށުން

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ އިގްތިސާދީ އެޖެންޑާއަކާ އެކީގަ އެވެ. ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމުގެ މަގު ކޮށްޓަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އިގްތިސާދީ ތަރައްގީއާ އެކު، ޒަމާނީ ރާއްޖެއެއް ބިނާކުރައްވާނެ ކަމުގެ ވައުދުފުޅާ އެކީގަ އެވެ. އެހެންވެ، އެ މަނިކުފާނުގެ ވެރިކަމަށް ތިން އަހަރު ފުރުން ވަރަށް ކުލަގަދަކޮށް މި އަހަރު ފާހަގަކޮށްފައިވާ އިރު، ސަރުކާރުން އެންމެ ބޮޑަށް ދައްކާ ވާހަކަ އަކީ ވެސް ރާއްޖެ އަށް އަންނަމުން ދާ އިގްތިސާދީ ބަދަލުތަކުގެ ވާހަކަ އެވެ.

އެ މަސައްކަތުގެ މައިގަނޑު އެއް ބަޔަކީ އުމްރާނީ ތަރައްގީ އެވެ. މާލެ ސަރަހައްދުގައި ހިންގާ ބޮޑެތި އިންފްރަސްޓްރަކްޗާ މަޝްރޫއުތަކުގެ އިތުރަށް، ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ސަރުކާރުން ފާހަގަކުރެ އެވެ.

އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތް

ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރާ އެކު އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް ވަނީ މިދިޔަ ޖޫން 5 ގައި ފަށައިފަ އެވެ.

އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް ރައީސް ޔާމީން އިފްތިތާހުކޮށް ދެއްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައި ވަނީ 2018 ގަ އެވެ. ޖުމްލަ 140 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ މި އިމާރާތް ޑިޒައިންކޮށްފައިވާ ގޮތުން ހަ ބުރި ހާއްސަ ކުރާނީ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރަށެވެ. ޑައިގްނޯސްޓިކް ސެންޓަރުގެ އިތުރުން، ލައިފް ސަޕޯޓް ސިސްޓަމް އިންސްޓޯލް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ރޭޑިއޭޝަން ނުފެތުރޭ ގޮތަށް ޝީލްޑް ކުރުމާއި ސިއްހީ ފަރުވާ ދޭން ބޭނުންކުރާ ގޭސް ފަދަ ތަކެތި ރައްކާތެރިކަމާ އެކު ބެހެއްޓޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ހުންނާނެ އެވެ.

އާ އިމާރާތުގައި ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމަކާއި ރިހެބިލިޓޭޝަން ސުއިޓެއްގެ އިތުރުން، ހައިޑްރޯ ތެރަޕީ ސުއިޓެއްގެ ގޮތުގައި ބޭނުންކުރެވޭނެ ސްވިމިން ޕޫލެއް ވެސް ގާއިމް ކުރާނެ އެވެ.

މި ބޮޑު މަޝްރޫއު ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކުރީ އެއްވެސް ބިޑުކުރުމެއް ނެތި އެވެ. އަދި މަސައްކަތް ފަށަން ސަރުކާރުން އެޑްވާންސަށް ފައިސާ ދިނުމުން އެކަމާ މެދު ވެސް ބައެއް ފަރާތްތަކުން ފާޑުކިޔެވެ.

އައިޖީއެމްއެޗަށް ބޮޑެތި ބަދަލުތަކެއް

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗުގައި މިހާރު ހުރި އިމާރާތް މަރާމާތުކޮށް، ބޮޑެތި ބަދަލުތަކެއް ވެސް މި އަހަރުގެ ތެރޭގައި ވަނީ ގެނެސްފަ އެވެ.

އައިޖީއެމްއެޗުގައި މުޅިން އަލަށް ގާއިމްކުރި ނެޝަނަލް ކާޑިއެކް ސެންޓަރު ހުޅުވީ ހިތުގެ ބަލިތަކަށް ރާއްޖޭން ކުރިން ނުލިބޭ އެތައް ފަރުވާތަކަކާ އެކީގަ އެވެ. އޭގެ ތެރޭގައި، އެންޖިއޮގްރަފީ އާއި ހޮޅި ލެއްވުން ނުވަތަ އެންޖީއޯ ޕްލާސްޓީ ފާހަގަކޮށްލެވެ އެވެ. ހިތުގެ ބަލިތަކުގެ އިތުރުން ސިކުނޑީގެ ލޭނާރުތަކުގައި އުފެދޭ ގަނޑު ލޭކޮޅުތައް ވިރުވާލުން ނުވަތަ އެ ލޭކޮޅު ނެގޭނެ ވަސީލަތްތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި އިމަޖެންސީ ހާލަތުގައި ސްޓްރޯކްގެ ފަރުވާ ވެސް އެ ސެންޓަރުން ދެވެ އެވެ.

ނެޝަނަލް ކާޑިއެކް ސެންޓަރުގެ ތެރޭގައި ހުރި މެޝިންތަކެއް ރައީސް ޔާމީން ބައްލަވާލައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް

އަހަރު ނިމެނިކޮށް، އައިޖީއެމްއެޗުން ވަނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރާއްޖޭގެ ސިއްހީ ދާއިރާ އަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް ގެނެސްދީފަ އެވެ. އެ ގޮތުން، ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާ ދޭން އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެން، ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރުގެ ނަމުގައި ގާއިމުކޮށްފައިވާ ސެންޓަރުން އާ ފަރުވާތަކެއް ދޭން ވަނީ ފަށައިފަ އެވެ. އެ ސެންޓަރާ އެކު، އައިޖީއެމްއެޗުން ވަނީ އާ އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސްއަކާއި ޒަމާނީ ފެންވަރުގެ އައިސީޔޫއެއް އަދި ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ހާއްސަ ސެންޓަރުގެ ހިދުމަތް ވެސް ފަށައިފަ އެވެ.

އެއާޕޯޓުގެ އާ ރަންވޭ

ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީކުރަން ފަށާފައިވާ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް ބައި ކަމަށްވާ އާ ރަންވޭ އެޅުމުގެ މަސައްކަތް މިދިޔަ ޖުލައި 25 ގައި ފެށި އެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެން، ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ޔޫއޭއީގެ ގަލްފް ކޮބްލާ ހަމަޖައްސައިގެން، އާ ރަންވޭ އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ދެ ޑްރެޖަރާ އެކު އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވާ އިރު، އެއާޕޯޓުގެ ބިމަށް ގާތްގަނޑަކަށް 30 ޕަސެންޓް ނުވަތަ 62 ހެކްޓަރު އިތުރުވެގެން ދާނެ އެވެ.

އެއާޕޯޓުގެ އާ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޑްރެޖަރުން ވެލި ފޮނުވަނީ.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ޗައިނާގެ އެގްޒިމް ބޭންކުން ދިން ގާތްގަނޑަކަށް 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)ގެ ލޯނެއްގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ މިހާރު ދުނިޔޭގައި ގެންގުޅޭ އެންމެ ބޮޑެތި މަތިންދާބޯޓް ކަމަށްވާ އެއާބަސް އޭ380 ވެސް ޖެއްސޭ ވަރުގެ ރަންވޭއަކަށް ވާއިރު، މި މަޝްރޫއުގެ ދަށުން 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.

އިންޑަސްޓްރިއަލް ވިލެޖު

މާލޭގެ ހުޅަނގު ދެކުނުން ބޮޑު ސަރަހައްދެއް ހިއްކައިގެން ތަރައްގީކުރާ އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ބައި މިހާރު ވަނީ ނިންމައިފަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން 4.5 ހެކްޓަރުގެ ބިން ހިއްކައި އެ ސަރަަހައްދު ބޭނުން ކުރަން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން، މިހާރު ވެސް ވަނީ ކުނި ނައްތާލަން ހާއްސަކޮށްފައިވާ ބިން އެންވަޔަރަމެންޓް މިނިސްޓްރީއާ ހަވާލުކޮށް، އެ ތަން ބޭނުންކުރަން ފަށައިފަ އެވެ.

އިންޑަސްޓްރިއަލް ވިލެޖާއި އެ ތަނުގެ މައި މަގުގެ ގޮތުގައި ބޭނުންކުރަން ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައިވާ ސަރަހައްދު.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިންޑަސްޓްރިއަލް ވިލެޖު ހެދުމުގެ މައިގަނޑު ބޭނުމަކީ މާލެ ތެރޭގައި ކުރާ ސިނާއީ ބައެއް މަސައްކަތްތައް އެ ސަރަހައްދަށް ބަދަލުކުރުމެވެ. އޭގެ ތެރޭގައި މާލޭގައި ހުރި ގުދަންތަކާއި ވޯކްޝޮޕްތަކާއި އެ ނޫން ވެސް ސިނާއީ މަސައްކަތްތައް ކުރާ ތަންތަން ހިމެނެ އެވެ. އެ ކަމަށް ބޭނުންވާ ގުދަންތަކާއި އެ ނޫން ވެސް އިމާރާތްތައް ހިއްކާފައިވާ ސަރަހައްދުގައި އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

އިންޑަސްޓްރިއަލް ވިލެޖާ އެކު، އެ ތަނުގެ މައި މަގުގެ ގޮތުގައި ބޭނުން ކުރަން ބޮޑުތަކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ވަނީ ތާރު ވެސް އަޅައިފަ އެވެ. އެ ސަރަހައްދު މިހާރު ވަނީ އާއްމުންނަށް ހުޅުވާލައިފަ އެވެ.

ބޮޑެތި މަގުތައް ހެދުން

މާލޭގެ ބޮޑެތި ބައެއް މަގުތައް އަލުން ހެދުމުގެ މަޝްރޫއު މަޖީދީ މަގު، ކުރީގެ ސްޓާ ސިނަމާ ސަރަހައްދުން ވަނީ ފަށައިފަ އެވެ. ބައެއް މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައި ވުމުން ފެށި މި މަޝްރޫއުގެ ދަށުން، މަގުތައް ހަދަނީ ބައިބަޔަށް ބަހާލައިގެންނެވެ. އެ ގޮތުން، މަގުތަކުގައި މިހާރު ހުރި ގާތައް ނެގުމަށް ފަހު، ފެން ހިންދުމުގެ ނިޒާމު ރަނގަޅުކޮށް، އާ ގާ، މި މަޝްރޫއުގެ ދަށުން އަތުރާނެ އެވެ. އޭގެ ފަހުން، ޕޭވްމަންޓް ވެސް އަލުން ހަދަން ވަނީ ނިންމައިފަ އެވެ.

މަޖީދީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޖީދީ މަގުގެ އިތުރުން، ދެ އަހަރުދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ފެށި މި މަޝްރޫއުގެ ދަށުން މާލޭގެ 13 މަގެއް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ބޮޑުތަކުރުފާނު މަގު ހިމެނޭ އިރު، އެ މަގުގައި ތާރު އަޅަން ވަނީ ނިންމައިފަ އެވެ. ގާތްގަނޑަކަށް 5.5 ކިލޯމީޓަރުގެ ބޮޑުތަކުރުފާނު މަގުން، އިންޑަސްޓްރިއަލް ވިލެޖާ ދިމާލަށް ވާ ގޮތަށް ބައެއްގައި ތާރު އަޅައި އާއްމުންނަށް ހުޅުވާލާފައިވާ އިރު، މުޅި މަގުގައި ތާރު އެޅުމުގެ ޕްލޭން ހައުސިން މިނިސްޓްރީން މިހާރު އަންނަނީ އެކުލަވާލަމުންނެވެ.

މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މަޝްރޫއުތަކުގެ އިތުރުން ވެސް ބައެއް މުހިއްމު މަޝްރޫއުތަކުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށް، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފަ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް އެއީ އެ ގޮތުން ފާހަގަކޮށްލެވޭ މަޝްރޫއެކެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވާ ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުން ޓާމިނަލް ޑިޒައިން ކުރަމުން އަންނަ އިރު، މަސައްކަތް ފަށަން ބޭނުންވާ ތަހުލީލުތައް ވެސް އަންނަނީ ހަދަމުންނެވެ.