ފައިބަ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ލ. އަތޮޅުގައި ދޭން ދިރާގުން ފަށައިފި

ދިރާގުން ފޯރުކޮށްދޭ އެންމެ ހަލުވި އިންޓަނެޓުގެ ހިދުމަތް ކަމަށްވާ ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ލ. އަތޮޅުގައި އިއްޔެ ފަށައިިފި އެވެ.


ދިރާގުން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ލ. އަތޮޅުގައި ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ ގަމުގަ އެވެ. އެ ގޮތުން، ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑް ކަމަށްވާ 100 އެމްބީޕީއެސްއާ ހަމަ އަށް އަދި އެންމެ ބޮޑެތި އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖުތައް މިހާރު ގަމުގެ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ ކަަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ވަނީ ލ. އަތޮޅުގައި ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ގަމުގައި އިއްޔެ ހަފުލާއެއް ބާއްވައިފަ އެވެ. އެ ހަފުލާގައި، ދިރާގުގެ ޑައިރެކްޓަރު ސޭލްސް އެންޑް ކަސްޓަމަ ސާވިސަސް އަލީ ރިޔާޒް ވިދާޅުވީ ދިރާގުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް އެންމެ ފުރިހަމަ އަށް ހިދުމަތް ދިނުން ކަމަށެވެ.

"ދިރާގުގެ ބްރޯޑްބޭންޑުގެ ހިދުމަތް މުޅި ރާއްޖެ އަށް ވަނީ ފޯރުކޮށްދީފައި. އަދި މިއަދު މި ވަނީ މާލެ ސަރަހައްދުން ފޯރުކޮށްދެވޭ ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ވެސް ލ. އަތޮޅުން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފަ،" އޭނާ ވިދާޅުވި އެވެ.

ދިރާގުގެ ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ލ. ގަމުގައި ދޭން ފެށުން އިއްޔެ ފާހަގަކުރަނީ.-- ފޮޓޯ: ދިރާގު

ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން ދިރާގުން ވަނީ ލ. އަތޮޅުގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެ ގޮތުން، މި ޕްރޮމޯޝަންގައި، އަންނަ މަހުގެ ނިޔަލަށް ފައިބަ ހިދުމަތް ނަގާ ހުރިހާ ފަރާތްތަކަށް ފައިބަ ބޮރޯޑްބޭންޑް ކަނެކްޝަނެއް މުޅިން ހިލޭ ދިރާގުން ގުޅައިދޭނެ އެވެ.

ދިރާގުން ބުނީ މިހާރު ވެސް ގަމުގެ ގިނަ އަދަދެއްގެ ފަރާތްތަކުން މި ހިދުމަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެހެންވެ، ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ވަރަށް އަވަހަށް ލ. ފޮނަދޫ އަށް ފުޅާކޮށް އަދި އެ އަތޮޅުގެ އިތުރު ރަށްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން މުޅި ރާއްޖޭގައި ގާއިމްކޮށްފައިވާ ފައިބަ ނެޓްވޯކް މެދުވެރިކޮށް ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ދެނީ ގަމުގެ އިތުރުން، މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ކ. މާފުށީގަ އެވެ.