ވެމްކޯއިން ރައީސް އޮފީހުގައި ކުނި މެނޭޖް ކުރުމާ ގުޅޭ ޓްރޭނިން އެއް ކުރިއަށް ގެންދަނީ ---ފޮޓޯ: ވެމްކޯ
21 ޖޫން 2022 - 17:24
ކުނި މެނޭޖުކުރުމާ ގުޅޭ ތަމްރީނުތަކެއް ވެމްކޯ އިން އިއްޔެ ފަށައިފި އެވެ.
ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކުރާ އެ ތަމްރީނުތަކުގެ ފުރަތަމަ ސެޝަން ބޭއްވީ ރައީސް އޮފީހުގެ މުވައްޒަފުންނަށެވެ.
ވެމްކޯއިން ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ކުނި މެނޭޖް ކުރުމާ ގުޅޭ ޓްރޭނިންގެ ބައެއް ބައިވެރިން ---ފޮޓޯ: ވެމްކޯ
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ތަމްރީނުތަކުގައި ވެމްކޯގެ ޓީމުން ވަނީ ގެއިންނާއި ރެސްޓޯރެންޓް ފަދަ ތަންތަނުން އާންމުކޮށް އުކާލާ ކުނި ވަކިކުރާނެ ފަސޭހަ ގޮތްތައް ކިޔައިދީފަ އެވެ.
ވެމްކޯ އިން ބުނީ، ސިވިލް ސާވިސް އާއި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިމަގުގައި ވޯކްޝޮޕްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.
ގޭބިސީއަކުން ނެރެފަ ހުރި ކުނި އެކި ބާވަތްތައް ވަކިކޮށް ކޮތަޅަށް އަޅާފައި ---ފޮޓޯ: ފައިލްފޮޓޯ
މި މަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެރެނީ ކުނިތައް ބައިކޮށްގެންނެވެ. ކުނިވާ ޒާތުގެ ކުންޏާއި ކުނި ނުވާ ޒާތުގެ ކުނި އަދި ޕްލާސްޓިކް ކުނި ތިން ބަޔަށް ބަހާލައިގެން ނޫން ގޮތަކަށް ވެމްކޯ އިން މިހާރު ކުނި ނުނަގަ އެވެ.
އެއީ ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު މަދުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ގޮތުން ސަރުކާރުން ފެށި ކަމެކެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy