އިތުރު ތިން އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ފަށަނީ

މި އަހަރުގެ ތެރޭގައި އާ ތިން އެއާލައިނަކުން ރާއްޖެ އަށް އުދުހެން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.


އެމްއޭސީއެލްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ފަށާނެ ކަމަށް ބެލެވެ އެވެ. އެ ގޮތުން، މިހާރު ވެސް ތިން އެއާލައިނަކާ މަޝްވަރާ ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އެއީ، އާދިލް ވިދާޅުވި ގޮތުގައި، އިންޑިއާގެ ދެ ސިޓީ އަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އާ ދެމެދު ސީދާ ދަތުރުތައް ފަށަން ހުށަހަޅާފައިވާ އެއާލައިނަކާއި ޔޫރަޕްގެ ގައުމެއްގެ އެއާލައިނެއްގެ އިތުރުން، ޗައިނާގެ އެއާލައިނެކެވެ. އޭގެ ތެރޭން، އިންޑިއާގެ އެއާލައިންގެ ދަތުރުތައް މި އަހަރުގެ މެދުތެރޭގައި އަދި ޔޫރަޕްގެ އެއާލައިންގެ އޮޕަރޭޝަންތައް ޔޫރަޕަށް ފިނި މޫސުން ކަމަށްވާ އޮކްޓޯބަރު ނުވަަތަ ނޮވެމްބަރު މަހު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ސީޒަނުގައި އެއާޕޯޓަށް ރެކޯޑް އަދަދެއްގެ މޫވްމަންޓް ފާހަގަކުރެވުނު. ކުރިއަށް އޮތް ތަނުގައި ވެސް މޫވްމަންޓް އިތިރުވާނެ،" އާދިލް ވިދާޅުވި އެވެ.

އަލަށް ދަތުރު ފަށަން މަސައްކަތް ކުރަމުން އަންނަ އެއާލައިންތަކުގެ ތަފްސީލެއް އެމްއޭސީއެލް އަކުން ނުދެ އެވެ. އެކަމަކު، ޗައިނާގެ ގައުމީ އެއާލައިން ކަމަށް ވާ އެއާ ޗައިނާގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައި، އެ އެއާލައިންގެ ރާއްޖޭގެ އޮޕަރޭޝަންތައް ވީހާ ވެސް އަވަހަކަށް ފަށަން މަސައްކަތް ކުރަމުން އަންނަ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ މިދިޔަ ހަފުތާގައި ބުނެފަ އެވެ.

ރާއްޖެ އަށް މިހާރު ވެސް 30 އަށް ވުރެ ގިނަ ބޭރުގެ އެއާލައިންތަކުން ދަތުރު ކުރެ އެވެ. އޭގެ އިތުރުން ވެސް، ޓޫރިޒަމް ސީޒަނާ ދިމާކޮށް ބައެއް ޗާޓަރު ފްލައިޓުތަކާ އަދި ޑޮމެސްޓިކް އެއާލައިންތަކުން ވެސް ރާއްޖޭގެ މައި އެއާޕޯޓަށް ދަތުރު ކުރެ އެވެ.