ހުޅުމާލޭގައި ސިނަމާއެއް ހިންގަން ޝްވެކަށް ދީފި

ހުޅުމާލޭގައި ސިނަމާއެއް ހިންގަން ޝްވެކާ ސިނަމާއާ ހަވާލުކޮށް، އަންނަ އޭޕްރީލް މަހުގެ ތެރޭގައި އެ ތަން ހުޅުވަަން ނިންމައިފި އެވެ.

ބޭރުގެ ފިލްމުތައް ރާއްޖޭގައި ދައްކާ ހަމައެކަނި ސިނަމާ ކަމަށްވާ ޝްވެކާ އެކު އެ ކަމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އިއްޔެ ސޮއިކޮށްފަ އެވެ. އެޗްޑީސީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އާއި ޝުވެކުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްރާޝީމެވެ.

އެޗްޑީސީން މިއަދު ބުނި ގޮތުގައި ހުޅުމާލޭގައި ހުޅުވާ ފުރަތަމަ ސިނަމާ ހުންނާނީ އެ އަވަށުގެ އިރުއުތުރުން ބާބެކިއު ސަރަހައްދު ކައިރީގައި ހަދަމުން އަންނަ ކޮމިއުނިޓީ ސެންޓަރުގަ އެވެ. އެ ތަނުގައި، މާލޭގައި ހުންނަ ޝްވެކް ސިނަމާ އަށް ވުރެ ދެ ގުނަ ބޮޑު ސިލްވަ ސްކްރީނެއް ބަހައްޓާއިރު، އެންމެ ފަހުގެ ވަސީލަތްތައް ވެސް ގާއިމުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި ހުޅުވާ ސިނަމާ އަށް 180 މީހުންނަށް އެއްފަހަރާ ފިލްމު ބަލަން ވަދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގައި ސިނަމާއެއް ހިންގަން ކުރިމަތިލުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލީ މިދިޔަ ޖުލައި މަހު އެވެ. އޭރު އެޗްޑީސީން އާއްމުކުރި އިއުލާނުގައިވާ ގޮތުން، ގިނަވެގެން 10 އަހަރުދުވަހަށް އެ ތަން ހިންގަން ދޭއިރު، އެއްބަސްވުމުގައި ސޮއިކުރާތާ ހަ މަސްދުވަހުގެ ތެރޭގައި ސިނަމާ ހުޅުވައި ހިދުމަތް ދޭން ފަށަން ޖެހެ އެވެ. އަދި ފުރަތަމަ ހަތަރު މަސްދުވަހު ކުލި ދައްކަން ނުޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ކުރީގެ އެތީނާ ސިނަމާ މަރާމާތުކޮށް، ޒަމާނީ ވަސީލަތްތަކާ އެކު ޝްވެކް ސިނަމާގެ ނަމުގައި ހުޅުވީ 2012 ގަ އެވެ. އެ ތަނުގައި ހޮލީވުޑާއި ބޮލީވުޑްގެ އެންމެ ފަހުގެ ފިލްމުތަކުގެ އިތުރަށް، ދިވެހި ބައެއް ފިލްމުތައް ވެސް ދައްކަ އެވެ.