ހއ. ބާރަށު ސިއްހީ މަރުކަޒަށް އުރީދޫ ހެލްތު ކިޓް ހަދިޔާ ކުރަނީ --ފޮޓޯ: އުރީދޫ
07 ޑިސެމްބަރ 2022 - 15:55
ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށް ހެލްތު ކިޓް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 28 މަރުކަޒަކަށް ހެލްތު ކިޓް ހަދިޔާކޮށްފި އެވެ.
ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާކުރުމަށް މިއަހަރު ފެށި ކެމްޕެއިންގެ ދަށުން އުރީދޫން ހެލްތު ކިޓް ހަދިޔާކުރި ސިއްހީ މަރުކަޒުތެރޭގައި ހިމެނެނީ ހއ. އަދި ހދ. އަތޮޅުގެ ހުރިހާ ސެންޓަރަކާއި ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒާއި އދ. މާމިގިލީ ސިއްހީ މަރުކަޒެވެ.
އުރީދޫން ހަދިޔާކުރާ ހެލްތު ކިޓުތަކަކީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓާ، ޕަލްސް އޮކްސިމީޓާ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓާ އަދި ނެބިއުލައިޒާ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަަށް ތައްޔާރު ކޮށްފައިވާ ކިޓުތަކެކެވެ.
ހއ. ފިއްލަދޫ ސިއްހީ މަރުކަޒަށް އުރީދޫގެ ސީސީއޯ ނިޔާޒް، ހެލްތު ކިޓް ހަދިޔާ ކުރައްވަނީ --ފޮޓޯ: އުރީދޫ
އުރީދޫން ބުނި ގޮތުގައި، ހެލްތު ކިޓްތައް ބަހަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ތިން ވަނަަ ލަނޑުދަނޑި (ގްލޯބަލް ގޯލްސް) ކަމަށް ވާ "ގުޑް ހެލްތު އެންޑް ވެލްބީންގް" ހާސިލްކުުރުމަށް އެއްބާރުލުން ދޭން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ މަރުކަޒުތަކަށް އަޕްޑޭޓް ޑިޖިޓަލް އާލާތްތަކުގެ ބޭނުންތެރިކަން ދެނެގަނެ، މި ކިޓްތައް ހަދިޔާކޮށް، ސިއްހީ މަރުކަޒުތަކުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ މީހަކަށް ވެސް ފެންވަރު ރަނގަޅު ޒަރޫރީ ސިއްހީ ފަރުވާ ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރިމަގުގައި ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަކަށް ހެލްތު ކިޓް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ ސިއްހީ މަރުކަޒަށް އުރީދޫން ހެލްތު ކިޓް ހަދިޔާ ކުރަނީ ---ފޮޓޯ: އުރީދޫ
އުރީދޫން އަންނަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންކަން ރަނގަޅުކޮށް، ދިވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތް ޕްރޮމޯޓް ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރޭގައި، ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އުރީދޫގެ މެރަތަން ފަދަ ކަންކަން ފާހަގަކޮށްލެވެ އެވެ.
އޭގެ އިތުރުން، އުރީދޫން އަންނަނީ ދިވެހި ސަރުކާރަށް ވެސް ގިނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކޮވިޑުގެ ދުވަސްވަރު އެއާ ދެކޮޅަށް މަސައްކަތް ކުރަން ބޭނުންވާ ސާމާނު ހޯދަން އުރީދޫން ވަނީ ސަރުކާރަށް 2.5 މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު އުރީދޫން ވަނީ ތިން ސީ އެމްބިޔުލަންސް ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
07 December 2022
ވަރަށް ބެސްޓް ކަމެއް ، ޝުކުރިއްޔާ އޫރީދޫ އަށް