އުރީދޫގެ މި އަހަރުގެ ކަލަންޑަރު. އެ ކަލަންޑަރު ހާއްސަ ކޮސްފައި ވަނީ ދަނޑުވެރިކަމަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
25 ޖެނުއަރީ 2023 - 18:12
"ގްރޯ ވިތު އުރީދޫ" ޝިއާރުގެ ދަށުން އުރީދޫ އިން ދަނޑުވެރިކަމާ ގުޅުވައިގެން މި އަހަރުގެ ކަލަންޑަރު ލޯންޗުކޮށްފި އެވެ.
އެ ކަލަންޑަރަކީ ގަސް އިންދުމަށް ހިތްވަރުދީ، ރާއްޖޭގައި އާއްމުކޮށް އިންދާ އެކި ބާވަތްތަކުގެ ގަސްގަހުގައި އަޅާ މަލާ، އާއްމުކޮށް ރާއްޖެއިން ފެންނަ މާމެލާމެލީގެ ފޮޓޯތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ކަލަންޑަރެކެވެ. ސްނެޕްޗެޓު މެދުވެރިކޮށް، އޭއާރު ފީޗާއިން ކަލަންޑަރުގެ ތްރީ ޑީ ޑިޒައިން ބަލާލެވޭނެ އެވެ.
ތަފާތު އެކި މާމެލާމެލި ކަލަންޑަރުގައި ހިމަނާފަވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އުރީދޫގެ ކަލަންޑަރުގައި ޕެޝަންފްރުޓް، ކަރާ، މިރުސް އަދި އާއްމުކޮށް ފެންނަ އަސުރުމަލާއި، މަލިކުރުވާމަލާއި މަތަރެސްމާ ފީޗާކޮށްފައިވެ އެވެ.
އުރީދޫ އިން ވަނީ ކަލަންޑަރާ ގުޅުވައި، އެމްބެސަޑަރެއްގެ ގޮތުގައި ޒުވާން ދަނޑުވެރިޔާގެ ގޮތުގައި ރަމްޒީ ހަސަން ކަނޑައަޅައިފަ އެވެ.
ސ. މީދޫގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ ރަމްޒީ ބުނީ ޒުވާނުންގެ މެދުގައި ދަނޑުވެރިކަމަކީ މަގުބޫލުކަމަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އާ ޓެކްނޮލަޖީގެ އެހީގައި ދަނޑުވެރިކަމަށް އިނޮވޭޓިވް ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ. އަދި އާއްމުންގެ މެދުގައި ދަނޑުވެރިކަމަށް ހޭލުންތެރިކޮށް، ދަނޑުވެރިކަމާ މެދު ޒުވާނުން ދެކޭ ގޮތް ބަދަލުކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ އެ ކުންފުނިން މީގެ ކުރިން ނެރުނު ކަލަންޑަރުގައި ހިމެނޭ އޭއާރު ފީޗަރަށް ވުރެ މި އަހަރުގެ ކަލަންޑަރުގެ އެ ފީޗާ ރަނގަޅުވާނެ ކަމަށެވެ. އަދި މި އަހަރު ހިޔާރު ކުރި ތީމަކީ ރާއްޖޭ އާއި ގުޅޭ، މުހިންމު ތީމެއް ކަމަށް ވެސް ބުންޏެވެ. އަދި މި ތީމުގެ ދަށުން ހިޔާރު ކުރި އެމްބެސަޑަރާއި އެކު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރީދޫ ކަލަންޑަރުގައި ކޮންމެ މަހަކަށް ކަނޑައަޅާފައިވާ މަލާ ގުޅޭ ކުރުތައާރަފަކާއި، އެ މަލުގެ ދިވެހި އަދި އިނގެރޭސި ނަން ހިމަނާފައިވެ އެވެ. އަދި ކޮންމެ މަހަކަށް ދީފައިވާ މަލުގެ އޮށް އިންދާނެ ގޮތުގެ މައުލޫމާތު ހިމަނާފައިވާ ޕޭޖަށް ދެވޭ ކިއުއާރު ކޯޑެއް ވެސް ވަނީ ހިމަނާފަ އެވެ.
މި ކަލަންޑަރުގެ ސަބަބުން ގިނަ ބަޔަކަށް ގަސް އިންދުމަށް ހިތްވަރު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އުރީދޫއިން ބުންޏެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
26 January 2023
ތީގެ ކަލަންޑަރެއް ލިބޭނީ ކިހިނެއް؟
މޫލީ
29 January 2023
އެބހުރި