އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ"ގެ ނަސީބުވެރިޔާ ހޮވައިފި

އެއް ލައްކަ ރުފިޔާގެ އަގުހުރި ސުޒުކީ އައުޓްބޯޑް އިންޖީނެއް ހުށަހަޅައިގެން އެމްޓީސީސީން ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯ"ގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.


މިދިޔަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން އޮތީ ހެންވޭރުގައި ހުންނަ އެމްޓީސީސީގެ "ކަށަވަރު" ފިހާރައިގައި މިއަދު މެންދުރު ބޭއްވި ހަފްލާއެއްގަ އެވެ. އެ ގުރުއަތުން ހޮވިގެން، އިނާމަކަށް ހުށަހަޅާފައިވާ 30 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނު ލިބުނީ ކ. ގާފަރު ނޫމާ، ޔައުގޫބް އަބްދުލްކަރީމަށެވެ.

މި ޕްރޮމޯޝަންގައި، "ކަށަވަރު" ފިހާރަ އިން ވިއްކާ ތަކެއްޗަށް ހާއްސަ ޑިސްކައުންޓުތަކެއް ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި، އެ ތަނުން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީން، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް އެންޑް މެރިން ކޯޓިންސް، ސްކޮޓް ބާޑާ ކޮމްޕޮޒިޓްސް އަދި އިންޖީނުގެ ސްޕެއާ ޕާޓްސް ހިމެނެ އެވެ.

ކޮންމެ އަހަރެއްގެ ފަހުކޮޅު ކުރިއަށް ގެންދާ "ކަށަވަރު ޕްރޮމޯ"ގެ އިތުރުން ވެސް މުޅި އަހަރުގެ ތެރޭގައި އެމްޓީސީސީން ތަފާތު ޕްރޮމޯޝަންތައް ހިންގަ އެވެ. އޭގެ ތެރޭގައި، ސުޒުކީ އިންޖީނަށް ހާއްސަކޮށް ކުރިއަށް ގެންދާ "ސުޒުކީ ފޯރި" ޕްރޮމޯޝަންގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ވެސް ހިމެނެ އެވެ.