ކުދި ދޯނިފަހަރަށް ހާއްސަ ޔަންމާ އިންޖީނެއް އެމްޓީސީސީން ތައާރަފްކޮށްފި

ކުދި ދޯނިފަހަރަށް ހާއްސަ، ޔަންމާ ބްރޭންޑުގެ 35 ހޯސްޕަވަރުގެ އިންޖީނެއް ރާއްޖޭގެ ބާޒާރަށް ނެރެން އެމްޓީސީސީން ނިންމައިފި އެވެ.


އެމްޓީސީސީން މިދިޔަ މަހު ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯ"ގެ ނަސީބުވެރިޔާ ހޮވުމަށް މިއަދު މެންދުރު ބޭއްވި ހަފްލާއެއްގައި، އެ ކުންފުނީގެ ޕްރޮޑަކްޓް އޮފިސަރު ސާމިހް ޝެހެނާޒް ވިދާޅުވީ އަލަށް ނެރުމަށް ނިންމާފައި ވަނީ 3.5 ގެ ގިޔަރު ބޮކްސްއެއް ހިމެނޭ އިންޖީނެއް ކަމަށެވެ. އެއީ 35 ފޫޓަށް ވުރެ ކުދި ދޯނިފަހަރަށް ހާއްސަކޮށް އުފައްދާފައިވާ އިންޖީނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މައިގަނޑު ގޮތެއްގައި ކުދި އަދި މެދު ފަންތީގެ، ނޫނީ ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން މި ދުއްވާ ދޯނިތަކަށް އެކަށީގެންވާ އިންޖީނެއް ކަމަށް ގަބޫލު ކުރަން،" ސާމިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އިންޖީނުގެ ޓެސްޓް ފޭސްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އާއްމުކޮށް ވިއްކަން ފަށާނީ އެ އަށް ފަހު ކަމަށެވެ. ނަމަވެސް، މިހާރު ވެސް މި އިންޖީނަށް ޕްރީއޯޑަރު ކުރެވޭނެ ކަމަށް ސާމިހް ވިދާޅުވި އެވެ.

"ޕްރީއޯޑާކޮށްގެން އިންޖީނު ގަންނަ ފަރާތްތަކަށާއި ފުރަތަމަ ގަންނަ ފަރާތްތަކަށް ހާއްސަ އަގެއްގައި ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މި އިންޖީނު ވިއްކާ އަގެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް، އެ ކުންފުނިން ބުނީ އެ އިންޖީނުގެ އަގު ގާތްގަނޑަކަށް 200،000ރ. އަށް އަރާނެ ކަމަށެވެ.

ރާއްޖެ އަށް އެންމެ ފުރަތަމަ ތައާރަފްކުރި ޔަންމާ އިންޖީނަކީ އޮޑިވެރިންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އިންޖީނެވެ. މި ބްރޭންޑުގެ އެކި ވައްތަރުގެ އަދި ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ އިންޖީނާއި ސްޕެއާ ޕާޓްސް އެމްޓީސީސީން ވިއްކަ އެވެ.