މިދިޔަ އަހަރު ރާއްޖެ އައީ 1.3 މިލިއަން ޓޫރިސްޓުން، މިއީ ހަތަރު ޕަސެންޓްގެ ކުރިއެރުމެއް

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައީ 1.3 މިލިއަން ޓޫރިސްޓުން ކަމަށާއި އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް ހަތަރު ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެ އައީ 1,286,135 ޓޫރިސްޓުންނެވެ. އެއީ އޭގެ ކުރީ އަހަރު އައި 1,234,248 ޓޫރިސްޓުންނަށް ވުރެ 4.2 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރިޔަސް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގެ މާކެޓް ވަރަށް ބޮޑަށް ދަށްވުމުން، ސަރުކާރުން ވަނީ އޭގެ ކުރީ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފައިފަ އެވެ. އެހެންކަމުން، މިދިޔަ އަހަރު ނިމުނުއިރު އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ އަމާޒަށް ވުރެ ދަަށް އަދަދެކެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ 44.7 ޕަސެންޓަކީ ޔޫރަޕްގެ އެކި ހިސާބުތަކުން އައި މީހުންނެވެ. އެގޮތުން، މެދު އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުން ޖުމްލަ 575,176 ޓޫރިސްޓުން، އުތުރު ޔޫރަޕުން 132,626 ޓޫރިސްޓުން، ދެކުނު ޔޫރަޕުން 109,326 ޓޫރިސްޓުން، ހުޅަނގު ޔޫރަޕުން 213,006 ޓޫރިސްޓުން އަދި މެޑިޓެރީނިއަން އިން 15,664 ރާއްޖެ އައިސްފައިވެ އެވެ. އެ ހުރިހާ ހިސާބަކުން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އޭގެ ކުރީ އަހަރަށް ވުރެ މަތިވެފަ އެވެ.

މިދިޔަ އަހަރު ވެސް އެއް ގައުމަކުން އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާއިންނެވެ. އެކަމަކު، އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދާން ފަށާފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ޗައިނާ އިން އައި ޖުމްލަ 324,326 ޓޫރިސްޓުންނަކީ އޭގެ ކުރީ އަހަރު ރާއްޖެ އައި 359,514 ޗައިނާ މީހުންނަށް ވުރެ 9.8 ޕަސެންޓް ދަށް އަދަދެކެވެ. އަދި ޗައިނާ އިން ރާއްޖޭގެ ޓޫރިޒަމްގައި ހިއްސާކުރާ މިންވަރު ވަނީ 25.2 އަށް ތިރިވެފަ އެވެ.

ނަމަވެސް، މިދިޔަ މަހު ޗައިނާ އިން ޓޫރިސްޓުންގެ އަދަދު އެއްވަރެއްގައި ހިފެހެއްްޓިފައިވެ އެވެ. އެގޮތުން، މިދިޔަ މަހު 16,249 ޗައިނާ މީހުން ރާއްޖެ އައިއިރު، އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަހު ޗައިނާ އިން ރާއްޖެ އަށް އައިސްފައި ވަނީ 16,255 މީހުންނެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން އައި ޓޫރިސްޓުންގެ ނިސްބަތް ވަނީ މިިދިޔަ މަހާއި މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން، އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިންޑިއާ އިން މިިދިޔަ އަހަރު ޖުމްލަ 66,955 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، އެއީ އޭގެ ކުރީ އަހަރަށް ވުރެ 27.9 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަަދަދު ވެސް ވަނީ ޑިސެމްބަރު 2015 އާ އަޅާބަލާއިރު 26.5 ޕަސެންޓް އިތުރުވެ، 9,691 އަށް އަރައިފަ އެވެ.

މީގެ އިތުރުން، މެލޭޝިއާ، ތައިލެންޑް އަދި ފިލިޕީންސް ފަދަ އޭޝިއާގެ އެހެން ބައެއް ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ މަތިވެފަ އެވެ. އެގޮތުން، މެލޭޝިއާ އިން މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު އޭގެ ކުރީ އަހަރަށް ވުރެ 28.7 ޕަސެންޓް އިތުރުވެ 16,185 އަށް، ފިލިޕީންސް އިން އައި ޓޫރިސްޓުންގެ އަދަދު 38.3 ޕަސެންޓް އިތުރުވެ 9,551 އަށް އަދި ތައިލެންޑުން އައި ޓޫރިސްޓުންގެ އަދަދު 3.4 ޕަސެންޓް އިތުރުވެ 16,451 އަށް ވަނީ މަތިވެފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ހީނަރުވީ ނަމަވެސް، ޓޫރިސްޓް ސީޒަނާ ދިމާކޮށް ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެފައިވާ ކަމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވެ އެވެ. އަދި އާ އަހަރާ ދިމާކޮށް ރެކޯޑް އަދަދެއްގެ އަމިއްލަ ޖެޓް މައި އެއާޕޯޓުގައި ވަނީ ޖައްސައިފަ އެވެ.

މި އަހަރު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުކޮށް، ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި، ގިނަ ފެއާތަކެއްގައި ބައިވެރިވުމާއި ރާއްޖޭގައި ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާއެއް ބޭއްވުމުގެ އިތުރުން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގެންގުޅޭ އުސޫލުތައް ބަދަލުކުރުން ހިމެނެ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ