އެއާޕޯޓުގެ ތަރައްގީ އާއްމުންނަށް ކިޔައިދޭން ޕްރޮގްރާމެއް ފަށައިފި

ރާއްޖޭގެ މައި އެއާޕޯޓަށް ގެންނަމުން ދާ ތަރައްގީ އާއްމުންނަށް އަންގައި ދޭން ސިލްސިލާ ޕްރޮގްރާމެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ފަށައިފި އެވެ.


މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ވަނީ މިއަދު ހަވީރު އެއާޕޯޓުގައި ބާއްވައިފަ އެވެ. ހުޅުލޭގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެޑައިގަތީ ސަރުކާރުގެ އެކި އިދާރާތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން، އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް، އިންޖިނިއަރިން އަލީ ރިފާއު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީ އަށް މިދިޔަ ތިން އަހަރުގެ ތެރޭގައި ދުވާލަކަށް މިލިއަނެއްހާ ރުފިޔާގެ ރޭޓުން ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ ރައްޔިތުންގެ ފައިސާ ކަމަށް ވާއިރު، އެ ފައިސާ އިން ކުރާ ކަންކަމުގެ ފުރިހަމަ މައުލޫމާތު އެންމެންނަށް އެނގެންޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކުރިން މި ވާހަކަ ނުދެއްކީ އާބިޓްރޭޝަންގެ މައްސަލަ ކުރިއަށް ދާތީ، އެކަމަށް އަސަރު ކޮށްފާނެތީ،" އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމުން އެ ކުންފުނިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލަ އަށް އިޝާރާތްކުރައްވައި، ރިފާއު ވިދާޅުވި އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި، އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް، އިންޖިނިއަރިން އަލީ ރިފާއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ފެށި ސިލްސިލާ ޕްރޮގްރާމްގެ ދަށުން، ކޮންމެ ބުދަ ދުވަހަކު ވަކި ބަޔަކު ގެނެސްގެން މައުލޫމާތު ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކުގެ އިސް ވެރިންގެ އިތުރުން، ސްކޫލު އަދި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނާއި ޖަމިއްޔާތަކުގެ މެމްބަރުން ވެސް ހިމެނޭ ކަމަށް ރިފާއު ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާތަނަށް ހިންގާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއާ ބެހޭ މައުލޫމާތު ވީހާ ވެސް ގިނަ ބަޔަކަށް ދިނުމެވެ. އެހެންވެ، އޭނާ ވަނީ މި ޕްރޮގްރާމްގައި ބައިވެރިވާ މީހުން "އެމްބެސެޑަރުން"ގެ ގޮތުގައި ހަރަކާތްތެރިވެ، އެއާޕޯޓަށް ގެންނަމުން ދާ ތަރައްގީއާ ބެހޭ މައުލޫމާތު އެކި މީހުންނަށް ކިޔައިދިނުމަށް އެދިވަޑައިގެންފަ އެވެ.

މިއަދުގެ ޕްރޮގްރާމްގައި ފުރަތަމަ ދިނީ ވިއްސަކަށް މިނިޓުގެ ޕްރެޒެންޓޭޝަނެކެވެ. އެމްއޭސީއެލްގެ ޑިވެލޮޕްމަންޓް ސެކްޝަނުން ކުރިއަށް ގެންދިޔަ މި ޕްރެޒެންޓޭޝަންގެ ފުރަތަމަ ބައިގައި ދިނީ މިހާތަނަށް އެއާޕޯޓުގައި ނިންމާފައިވާ މަޝްރޫއުތަކާ ބެހޭ މައުލޫމާތެވެ. އޭގެ ތެރޭގައި، މިހާރު ބޭނުންކުރަމުން އަންނަ ރަންވޭ މަރާމާތު ކުރުމާއި ފަސިންޖަރުން ފެރީ އަށް އަރަން ދާ ސަރަހައްދުގައި ހަދާފައިވާ ވޯކްވޭ އާއި ޑިއުޓީ ފްރީގައި ތަރައްގީކޮށްފައިވާ އާ ތަންތަނާއި އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު އަށް ބޭނުންވާ ބިން ހުސްކުރަން ކުރިން ހުރި އިމާރާތްތައް އެހެން ތަންތަނަށް ބަދަލުކުރުން ހިމެނެ އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ބައެއް އޮފީސްތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން، މިހާރު ކުރަމުން އަންނަ މަސައްކަތްތަކާއި މަޝްރޫއުގައި ހިމެނޭ އެހެން ބައިތަކާ ގުޅޭ މައުލޫމާތު ވެސް ދިނެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ އާ ރަންވޭ އާއި ޓާމިނަލްގެ ތަފްސީލުތަކާއި އެ ދެ ތަނުގެ އަމަލީ މަސައްކަތް ފަށަން ވަމުން އަންނަ ތައްޔާރީތަކެވެ.

ޕްރެޒެންޓޭޝަނަށް ފަހު، އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެކި މަސައްކަތްތައް ކުރަމުން އަންނަ ސަރަހައްދުތަކަށް ބައިވެރިން ގެންގޮސް، އެ ތަންތަން ވަނީ ދައްކާލައިފަ އެވެ. އެ ގޮތުން، އާ ރަންވޭ އަޅަން ބިން ހިއްކަމުން އަންނަ ސަރަހައްދާއި އާ ޓާމިނަލަށް ހުސްކޮށްފައިވާ ސަރަހައްދާއި ކުރިން ހުރި އިމާރާތްތައް ބަދަލުކޮށްފައިވާ ސަރަހައްދުތައް ހިމެނެ އެވެ.

އެއާޕޯޓް ތަރައްގީ ކުރަން ސަރުކާރުން ވަނީ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ. މި މަޝްރޫއުގެ އެންމެ މުހިއްމު ދެ ބައި ކަމަށްވާ އާ ރަންވޭ އާއި ޓާމިނަލުގެ އިތުރުން، މުޅި އެއާޕޯޓުގެ މަލަމަތި ބަދަލުކޮށްލާނެ ފަދަ ގިނަ ކަންކަން ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ގާތްގަނޑަކަށް 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ދަށުން ހަދަނީ 3،400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭ އެކެވެ. މިއީ މިހާރު ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓް ކަމަށްވާ އެއާބަސް އޭ380 ވެސް ޖެއްސޭ ވަރުގެ ރަންވޭއަކަށް ވާއިރު، މި މަޝްރޫއުގެ ދަށުން 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.

އާ ރަންވޭ އަޅަން ހިއްކާފައިވާ ސަރަހައްދު: ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނޭ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ރަންވޭ ތަރައްގީ ކުރުމުގެ މަޝްރޫއު އެމްއޭސީއެލް އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ. އެ ކުންފުނިން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ޔޫއޭއީގެ ގަލްފް ކޮބްލާ ހަމަޖައްސައި ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި 25 ގަ އެވެ. ބޮޑު ބައި މިހާރު ހިއްކައި ނިންމާފައި ވާއިރު، އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރެ އެވެ.

އަަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މިދިޔަ މޭ މަހުގެ ފަހުކޮޅު ހަވާލުކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. ޓާމިނަލް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރަނީ ބިން ލާދިން ގްރޫޕުންނެވެ.