އާމްދަނީ މިލިއަނަކަށް ވުރެ މަދު ނަމަ ބީޕީޓީ ބަޔާން ހުށަހަޅާކަށް ނުޖެހޭނެ

އަހަރަކަށް ޖެހޭ އާމްދަނީ އެއް މިލިއަން ރުފިޔާ އަށް ވުރެ މަދު ނަމަ، ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ހަމަޖައްސައިފަ އެވެ.


ބީޕީޓީގެ ގަވާއިދަށް ގެނައި 12 އިސްލާހުގައިވާ ގޮތުން، އެ އެސޫލު ހިނގާނީ ވަކި ފަރުދުންނަށް ނުވަތަ ޑީމްޑް ޕާޓްނަޝިޕްތަކަށެވެ. އެ ގޮތުން، ވަކި ފަރުދެއްގެ ނުވަތަ ޑީމްޑް ޕާޓްނަޝިޕެއްގެ ޖުމްލަ އާމްދަނީ އަހަރަކަށް އެއް މިލިއަން ރުފިޔާ އަށް ވުރެ އިތުރު ނުވާ ނަމަ އަދި ޓެކްސް ބިނާކުރެވޭ ފައިދާ 500,000 ރުފިޔާ އަށް ވުރެ އިތުރު ނުވާ ނަމަ، ބީޕީޓީގެ ބަޔާން ހުށަހަޅާކަށް ނުޖެހޭނެ އެވެ.

ކުރިން އޮންނަ ގޮތުން، 750,000 ރުފިޔާ އަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ނަމަ ޓެކްސްގެ ބަޔާން ހުށަހަޅަން ޖެހޭނެ އެވެ.

"މި ލުއިގެ ސަބަބުން ކުދި ވިޔަފާރިތައް ހިންގާ އަމިއްލަ ފަރުދުންނާއި ޑީމްޑް ޕާޓްނަރޝިޕްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ އެވެ،" އެ އިސްލާހާ އެކު މީރާ އިން އާއްމުކުރި ބަޔާނެއްގައިވެ އެވެ.

ބީޕީޓީގެ ކަންކަން ބެލެހެއްޓުމުގައި މީރާ އިން ވަނީ މި ފަހުން ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެ ގޮތުން، އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން، ބީޕީޓީގެ ބަޔާނާ އެކު އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ކުރިން މި ލުއި ދީފައި ވަނީ އަހަރަކު ފަސް މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކަށެވެ.

އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ހިސާބު ބެލެހެއްޓުމުގައި ފައިސާ ލިބޭ ނުވަތަ ހޭދަކުރާ ތާރީހެއްގައި އާމްދަނީ އާއި ހަރަދުތައް ހިމެނެމުގެ އިހްތިޔާރު ވެސް ވަނީ ދީފަ އެވެ.