ބީއެމްއެލްގެ ކޮމިއުނިޓީ ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ހިމެނޭ ވީޑިއޯއެއް.

މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ ދޭ ޕްރޮގްރާމަށް ކުރިމަތިލާން ބީއެމްއެލް އިން ހުޅުވާލައިފި

ދެމެހެއްޓެނިވި މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ ދޭ ޕްރޮގްރާމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހުޅުވާލައިފި އެވެ.


ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ރޭ ފެށި ކޮމިއުނިޓީ ޕްރޮގްރާމް، "އަހަރެންގެ ބޭންކް"ގެ ދަށުން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓް"އާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އަމިއްލަ ފަރުދުންނަށާއި ޖަމިއްޔާ އަދި ޖަމާއަތްތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށެވެ. ޕްރޮޕޯޒަލްތައް community@bankofmaldives.com.mv އަށް މެއިލް ކުރަން އޭނާ އެދިވަޑައިގެންނެވި އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭން، ބީއެމްއެލްގެ ޗެއާޕާސަން ފަރީހާ ޝަރީފް (ކ) އާއި ސީއީއޯ އެންޑްރޫ ހީލީ (ވ) ރޭ ފައްޓަވައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ޕްރޮގްރާމްގެ ދަށުން އިސްކަން ދެނީ ތިމާވެށި ރައްކާތެރިކުރުމާއި ތައުލީމް އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާއި އެ ނޫން ވެސް އިޖުތިމާއީ ކަންކަން ހިމެނޭ ގޮތަށް މުޖުތުމައު އަށް ފައިދާ ކުރާނެ ކަންތައްތަކަށެވެ. އެ ގޮތުން، މި ޕްރޮގްރާމަށް ހޮވަނީ ދިގު މުއްދަތަކަށް ފައިދާ ލިބޭނެ، ދެމެހެއްޓެނިވި މަޝްރޫއުތަކަށެވެ.

ސައީދު ވިދާޅުވީ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 ގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، ލިބޭ ޕްރޮޕޯޒަލްތައް ފުރަތަމަ ދިރާސާ ކުރާނީ ބީއެމްއެލްގެ ޓީމަކުން ކަމަށެވެ. އެ ޓީމުން އެންމެ ރަނގަޅު ފަސް ޕްރޮޕޯޒަލް ކަނޑައެޅުމަށް ފަހު، މި މަހުގެ 28 ގައި ބީއެމްއެލްގެ ފޭސްބުކް ޕޭޖުގައި އެ ޕްރޮޕޯޒަލްތައް އާއްމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އަށް ފަހު ވޯޓިން ކުރިއަށް ދާނީ ފޭސްބުކްގައި،" ބީއެމްއެލްގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަހަރެންގެ ބޭންކް" ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން މި މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ.

ކޮމިއުނިޓީ ކެމްޕޭނެއް ފެށުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ހިދުމަތްތައް ފުޅާ ކުރަން މި އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމައިފަ އެވެ. މި މަޝްރޫއުގެ ދަށުން، 22 ރަށަކަށް ހިދުމަތް ފުޅާކުރަން ރަށްރަށުގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމަ ސާވިސް ސެންޓަރަކާއި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އަދި 150 އާ ވަޒީފާ އުފައްދައި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެ އާ ވަޒީފާތަކުގެ ތެރޭން ދެ ބައިކުޅަ އެއް ބައި (75 ވަޒީފާ) ރަށްރަށަށް ހާއްސަކޮށްފައި ވާއިރު، ބާކީ ބައި ހުޅުވާލަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އަންނަނީ މިހާރު ވެސް އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް ވަނީ 20 އަތޮޅުގައި 31 ބްރާންޗާއި 78 އޭޓީއެމް އާއި 4،000 ޕީއޯއެސް މާޗަންޓުންނާއި 190 ކޭޝް އެޖެންޓުންނާއި 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް ގާއިމްކޮށްފަ އެވެ.