ޓެކްސްގެ ގޮތުގައި މިދިޔަ މަހު ރިކޯޑް އަދަދެއްގެ އާމްދަނީއެއް ލިބިއްޖެ

ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބި، އެންމެ ގިނަ އަދަދެއްގެ ޓެކްސް ފައިސާ ބަލައިގަތް މަހަކަށް މިދިޔަ މަސް ވެއްޖެ އެވެ.


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޮރިޓީ (މީރާ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިދިޔަ މަހު އެ އިދާރާ އިން ވަނީ 2.2 ބިލިއަން ރުފިޔާ ބަލައިގަނެފަ އެވެ. އެހާ ބޮޑު އަދަދެއް ލިބުނު މައިގަނޑު ސަބަބަކީ، މީރާ އިން ބުނި ގޮތުގައި، ގިނަ ޓެކްސްތަކެއްގެ ސުންގަޑި މިދިޔަ މަހު ހަމަވެފައިވާތީ އެވެ.

މިދިޔަ އާދިއްތަ ދުވަހަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި މިދިޔަ މަހުގެ ޖީއެސްޓީ ދެއްކުމުގެ ފަހު ދުވަހެވެ. އަދި މިދިޔަ އަންގާރަ ދުވަހަކީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ މިދިޔަ އަހަރުގެ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ފަހު ދުވަހެވެ.

ސުންގަޑި އަށް ޓެކްސްގެ ބަޔާންތައް ހުށަހަޅައި ފައިސާ ދައްކަން ފަސޭހަކޮށްދިނުމަށް މީރާ އިން ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރީގެ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ވަގުތީ ކައުންޓަރުތަކެއް ގާއިމްކޮށްފަ އެވެ. މީރާ އިން ބުނީ އެ އިދާރާގެ މައި އޮފީހާއި އެ ކައުންޓަރުތައް މެދުވެރިކޮށް، މިދިޔަ މަހުގެ ތެރޭގައި 28،000 އަށް ވުރެ ގިނަ ފަރާތްތަކަށް ހިދުމަތް ފޯރުކޮށް ދީފައިވާ ކަމަށެވެ.

ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް މީރާ އިން ބުންޏަސް، އޭގެ ތަފްސީލީ ހިސާބުތަކެއް މީރާ އިން އަދި އާއްމެއް ނުކުރެ އެވެ.

މި އަހަރަށް ފާސްކުރި 26.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.