ފާއިތުވި އަހަރެއްގެ ރޯޑް ރޭހަށް ދުވުންތެރިންނަށް ކުރިއަށް ގެންދިޔަ ކޯޗިން ސެޝަނެއް. -- ފޮޓޯ: ދިރާގު
24 އޯގަސްޓް 2023 - 14:59
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިރާގުން ބުނީ އޮފިޝަލް ކޯޗުންގެ ގޮތުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ކޯޗިން އޮފާތަކުގެ ތަފްސީލު ހިމަނާ [email protected] އަށް އީމެއިލް ކޮށްގެން އެޕްލައި ކުރެވޭނެކަމަށެވެ. އޮފިޝަލް ކޯޗުންނަށްވުމަށް މެއިލް ކުރެވޭނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގު ރޯޑް ރޭހަށް ކޯޗުން ހޯދަމުން އަންނަނީ ދުވުމުގެ ބައިވެރިންނަށްނަށް މިހާރަށް ވުރެ ފަސޭހައިން ތަމްރީނު ހޯދައިދީ، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވި ގޮތުގައި ކޯޗުން ހޯދަނީ އަލަށް ބައިވެރިވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިންނަށް ކޯޗުންގެ އިރުޝާދާ އެކު ރޭހަށް ތައްޔާރުވުމުގެ ފުރުސަތު ދިނުމަށެވެ. އަދި މި ފުރުސަތަކީ ކޯޗުންނަށް ވެސް އެ މީހުންގެ މަސައްކަތްތަކާއި ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓުކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
ދިރާގު ރޯޑު ރޭހުގައި ދުވަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މި ދުވުން އޮންނާނީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy