އެމްޓީސީސީގެ ހިއްސާގެ މޫނުމަތީ އަގު ފަސް ރުފިޔާ އަށް ދަށްކޮށް، ހިއްސާ ވިއްކަން ފަށަނީ

އެމްޓީސީސީގެ ހިއްސާގެ މޫނުމަތީ އަގު ފަސް ރުފިޔާ އަށް ދަށްކޮށް، ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކާ ގޮތަށް ހަމަޖައްސައިފި އެވެ.


އެ ކުންފުނިން ނޫސްބަޔާނެއްގައި ބުނީ، މިހާރު ތިބި ހިއްސާދާރުންނަށް އިތުރު ހިއްސާ ގަތުމުގެ ފުރުސަތު ދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި ބޯޑުގެ ނިންމުން ހިއްސާދާރުންގެ ގަރާރަކުން ފާސްކުރުމަށް އެދި ހުށަހެޅުމަށް މިމަހު ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނީގެ ހިއްސާއެއްގެ މޫނުމަތީގެ އަގަކީ 50ރ. އެވެ.

އެމްޓީސީސީން ބުނިގޮތުގައި މިހާރު ހިއްސާ ގަނެފައިވާ މީހުންނަށް އެ ކުންފުނީގެ އިތުރު ހިއްސާ ގަތުމުގެ ފުރުސަތު ދިނުމުން، ކުރިން ދޫކޮށްފައިވާ ކޮންމެ ހިއްސާއަކަށް 10ރ. ލިބޭނެ އެވެ. އަދި ހިއްސާއެއްގެ މޫނުމަތީގެ އަގު ފަސް ރުފިޔާގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ހިއްސާ ފަޅިކުރުމަކީ މިވަގުތު އެމްޓީސީސީގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންނަށް ކުންފުނީގެ އިތުރު ހިއްސާ ގަތުމަށް ދައުވަތު ދިނުމެވެ. އެ ކުންފުނިން ނިންމާފައި ވަނީ ހިއްސާ ފަޅިކުމަށް ފަހު، މިހާރު ތިބި ކޮންމެ ހިއްސާދާރަކަށް ފަސް ރުފިޔާގެ މޫނުމަތީގެ އަގުގެ ހިއްސާއެއް 62ރ. އަށް ވިއްކުމަށެވެ. އަދި އޭގެ ތެރެއިން ބާކީވާ ހިއްސާ އާއްމުންނަށް ވިއްކަން ހަމަޖެހިފައި ވަނީ ހިއްސާއެއް 112ރ.ގެ ރޭޓުންނެވެ.

އެމްޓީސީސީގެ ބޯޑު މެމްބަރަކު "މިހާރު"އާ ވާހަކަދައްވަމުން ވިދާޅުވީ ބޯޑުން ނިންމާފައި ވަނީ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ފަހު، ހިންގާ ގަވައިދަށް ބަދަލު ގެނައުމަށް ކަމަށެވެ. އަދި އެ ބަދަލަށް ފަހު ހިއްސާ ވިއްކުމުގެ މަސައްކަތް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް، އަންނަ އޭޕްރީލް މަހު ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިއްސާ ގަތުމަށް ފުރަތަމަ ފުރުސަތު ދެނީ ހިއްސާދާރުންނަށް. މިހާރު ވެސް ކުންފުނީގެ ކޮންމެ ހިއްސާދާރަކަށް ހިއްސާއަކަށް ބޯނަސް ހިއްސާއެއް 2015 ގައި ވަނީ ދީފައި. ހިއްސާދާރުންނަށް ގަތުމުގެ ފުރުސަތު ދިނުމަށް ވަކި މުއްދަތެއް އަދި ކަނޑައެއް ނާޅާ،" މެމްބަރު ވިދާޅުވި އެވެ.