ޗައިނާ ޓޫރިސްޓުން އިތުރުވެ މިދިޔަ މަހު ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް

ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 32 ޕަސެންޓް އިތުރުވުމާ ގުޅިގެން މިދިޔަ ޖެނުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންގެ ނިސްބަތް 15 ޕަސެންޓް އިތުރުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް 125،336 ޓޫރިސްޓުން އަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އައީ 108،396 ޓޫރިސްޓުންނެވެ.

ރާއްޖޭގެ ޓޫރިޒަމް ސީޒަންގެ އެންމެ ބާރުބޮޑުވާ ދުވަސްވަރަކީ ނޮވެމްބަރުން ފެށިގެން ފެބްރުއަރީ މަހާ ދެމެދު އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާ އިން 30،669 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ މަހު ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޖަރުމަނުން އައިި އިރު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުންނެވެ. އޭގެ އިތުރުން ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި މުއްދަތު ވެސް ވަނީ 5.7 ދުވަހަށް އިތުރުވެފަ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައްް ދައްކާ ގޮތުން ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގައި 37،516 އެނދު ހުއްޓެވެ. އަދި ވެއަތުވެ ދިޔަ އަހަރު ދުވަހުގެ ތެރޭގައި 12 ރިސޯޓު ހުޅުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ އިތުރުން އޮކިއުޕަންސީ ރޭޓް ވަނީ 81.2 ޕަސެންޓަށް އިތުރުވެފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު 5.8 ޕަސެންޓްގެ އިތުރުވުމެކެވެ.