ފްލެޓްތައް ހުރީ ނިމިފައި، ހަވާލުކުރާނީ 278 މިލިއަން ރުފިޔާ ދެއްކުމުން

މާލޭގެ ގާކޮށީގަ އާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކުގެ މަސައްކަތް މިދިޔަ މާޗްމަހު އެއްކޮށް ނިންމާފައިވާ ކަމަށާއި ނަމަވެސް އެތަންތަން ސަރުކާރާ ހަވާލުކުރާނީ 278 މިލިއަން ރުފިޔާ ދިނުމުން ކަމަށް އެ މަޝްރޫއު ކުރިޔަށް ގެންދާ ކުންފުނިން މިއަދު ބުނެފި އެވެ.


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، އަަރަބިއްޔާ ބިމުގައި 90 ފްލެޓް އަޅާއިރު ގާކޮށި ބިމުގައި އަޅަނީ 190 ފްލެޓެވެ.

ސަރުކާރުން މި މަސައްކަތް ހަވާލު ކުރީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާ އާއި އެސްޖީ 18 ޑިވެލޮޕާސް ކުންފުނީގެ ހިއްސާއާ އެކު އުފައްދާފައިވާ "އެޕެކްސް ރިއަލްޓީ" ކުންފުނިންނެވެ.

މާލޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ފްލެޓް އިމާރާތް ތަރައްގީކުރި އެޕެކްސް ރިއަލިޓީގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ ފްލެޓް ލިބުނު ފަރާތްތަކާ ހަވާލުނުކޮށް އޮތީ ކޮންޓްރެކްޓަރަށް މަސައްކަތް ނުނިމޭތީ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އަޅުގަނޑުމެން އެހެރީ އެ 290 ފްލެޓް ނިންމާފައި. އަޅުގަނޑުމެންގެ އަތުގައި އެބަ އޮތް ހައުސިން މިނިސްޓްރީން ދިން ކޮމްޕްލީޝަން ސެޓްފިކެޓް ވެސް. ސަރުކާރާ އަޅުގަނޑުމެން ތަން ހަވާލުނުކޮށް އޮތީ އެއްބަސްވުމުގައިވާ ގޮތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން،" އޭނާ ވިދާޅުވި އެވެ.

"އެތަން ނިންމަން ފުރަތަމަ ވެސް އެއްބަސްވި އަގަށް އެކަން ނިންމާފައި އެ އޮތީ. އަޅުގަނޑުމެންގެ މަސައްކަތުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަން،" އެޕެކްސް

އެ އޮފިޝަލް ވިދާޅުވީ ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ 278 މިލިއަން ރުފިޔާ މި މަހުގެ ނިޔަލަށް ދައްކާނެ ކަމަށް ކަމަށެވެ.

ފްލެޓްތަކުގެ މަސައްކަތް މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އޮތީ އެއްބަސްވެފައި މަސައްކަތް ނިމޭއިރަށް ފައިސާ ދައްކާނެ ކަމަށް. ނަމަވެސް އެ ފައިސާ ނުދައްކަނީސް އެތަނެއް ހަވާލެއް ނުކުރެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އެތަންތަން އާއްމުންނަށް ދޫކުރަން ކަނޑައަޅާފައިވާ އަގު ފްލެޓެއް ދެ މިލިއަން ރުފިޔާ ކަމަށް ހަމަޖެއްސީ ކޮންޓްރެކްޓަރުގެ އަގަށް ގެނައި ބަދަލަކާ ގުޅިގެން ނޫން ކަމަށެވެ.

"އެތަން ނިންމަން ފުރަތަމަ ވެސް އެއްބަސްވި އަގަށް އެކަން ނިންމާފައި އެ އޮތީ. އަޅުގަނޑުމެންގެ މަސައްކަތުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަން،" އޭނާ ވިދާޅުވި އެވެ.

ފްލެޓް ލިބުނު މީހުންނަށް ފްލެޓްތައް ދޭން ސަރުކާރުން މިހާރު ނިންމާފައި ވަނީ ފަސް އަހަރު ތެރޭ ދެ މިލިއަން ރުފިޔާ ދައްކާ ގޮތަށެވެ. އެއީ މަހަކަށް 33،000ރ.ގެ ރޭޓުންނެވެ. ފްލެޓްތައް ލިބޭ މީހުންނަށް ކުރިން އަންގާފައި އޮތީ މަހަކު ދައްކަން ޖެހޭ އަދަދު އުޅޭނީ ގާތްގަނޑަކަށް 9،000ރ ގައި ކަމަށެވެ.