ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމުގެ ފަހުގެ މަޝްވަރާތައް ފަށައިފި

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ކުރަމުން އަންނަ މަޝްވަރާތައް ނިންމާލުމުގެ ބައްދަލުވުން މިއަދު ރާއްޖޭގައި ފަށައިފި އެވެ.


ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ މަޝްވަރާތައް ފެށީ މިއަދު ހެނދުނު އެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މަޝްވަރާތައް ފެއްޓެވުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ފެށީ މަޝްވަރާތައް ނިންމުމުގެ ބައްދަލުވުން ކަމަށެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމާ ބެހޭ ގޮތުން ބަނޑޮހުގައި މިއަދު މަޝްވަރާކުރައްވަނީ. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

"އަޅުގަނޑުމެން މި މަޝްވަރާތައް މިހާ ހިސާބަށް ކުރިޔަށް މިގެންދިޔައީ ބާރަށް، ވަރަށް ފުރިހަމަކޮށް. ދެ ފަރާތުން ވެސް މި ބައްދަލުވުންތައް ކުރިޔަށް ގެންދިޔައީ ވަރަށް ބުރަކޮށް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަނިކުފާނު އުއްމީދުކުރައްވަނީ އެ މަޝްވަރާތަކަށްފަހު އެއްބަސްވުމާ ހަމަޔަށް ދެވޭނެ ކަމަށެވެ. އަދި އެއާ ގުޅިފައި ހުރި އެހެން މައްސަލަތައް ހައްލުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި ފްރީ ޓްރޭޑް އެގްރިމަންޓަކީ ވަރަށް ގިނަ ގޮތްގޮތުން ތަފާތު އެއްބަސްވުމަކަށްވާނެ ކަމަށް. އެއީ ދުނިޔޭގެ އެންމެ ކުޑަ އެއް އިގްތިސާދު އޮތް ގައުމާއި ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު އޮތް ގައުމާ ދެމެދު ކުރެވޭ އެއްބަސްވުމެއް މިއީ. ވަރަށް ތަފާތު ދެ ގައުމު އެއްބަސްވާ އެއްބަސްވުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑު ގަބޫލުކުރަނީ މި ފްރީ ޓްރޭޑް އެގްރިމަންޓަކީ ވަރަށް ގިނަ ގޮތްގޮތުން ތަފާތު އެއްބަސްވުމަކަށްވާނެ ކަމަށް. އެއީ ދުނިޔޭގެ އެންމެ ކުޑަ އެއް އިގްތިސާދު އޮތް ގައުމާއި ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު އޮތް ގައުމާ ދެމެދު ކުރެވޭ އެއްބަސްވުމެއް މިއީ -- މިނިސްޓަރު

ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ގާއިމުކުރަން ޗައިނާއާއެކު މިހާތަނަށް ހަތަރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

"ވަރަށް ގިނަ ފުޅާ ދާއިރާއެއްގައި ބަހުސްކުރުމަށްފަހު ދެ ފަރާތަށް ވަނީ ވަރަށް ގިނަ ހިޔާލުތަކާއި ލަފާތައް ލިބިފައި. އަޅުގަނޑަށް އެނގޭ އެއްބަސްވުމަކާ ހަމަޔަށް އަންނައިރު ޓެރިފް ނެގޭނެ ބާވަތްތަކާއި ނުނެގޭނެ ބާވަތްތައް ދެނެގަންނަން ޖެހޭނެކަން. ދެ ފަރާތުން ވަނީ މިކަންކަން ފަސޭހަކޮށްދެއްވާފައި. ދެ ފަރާތުން ބޭނުންވާ ކަންތައްތައް ވެސް ވަރަށް ފަރުވާތެރިކަމާއެކު ދެ ފަރާތުން ވެސް އަޑު އަހާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިފަހަރުގެ ބައްދަލުވުމުގައި ވެސް ވަރަށް ބޮޑުކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"ތިން ކަމަކަށް އަޅުގަނޑުމެން އެބަ ޖެހޭ އަލި އަޅުވާލަން މި މަޝްވަރާތައް ނިމުމަކާ ހަމަޔަކަށް އަންނައިރު. މި ތިން ކަމަށް ވެސް މިއަދު މެންދުރުފަހު މަޝްވަރާކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަންނައިރު މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައި ވަނީ ތަފާތު ތިން ކަމާ ގުޅޭ ގޮތުންނެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ރާއްޖޭގެ އިތުރުން ޗައިނާއިން ވެސް ވަނީ ސެންސިޓިވިޓް ލިސްޓެއް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި ބައިނަލްއަގުވާމީ ބާޒާރުގައި މުދާ ވިއްކާއިރު މުދަލުގެ އަސްލު ކަނޑައެޅުމާ ގުޅޭ ގޮތުން ވެސް ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމާ ބެހޭ ގޮތުން ބަނޑޮހުގައި މިއަދު މަޝްވަރާ ބައްދަލުވުމުގައި ބައިވެރި ޗައިނާ ވަފުދު. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ސައީދު ވިދާޅުވީ ޗައިނާއާއެކު ކުރަމުން އަންނަ މަޝްވަރާގައި ޗައިނާއެކޭ އެއްގޮތަށް ޓެރިފްގެ މަޝްވަރާގައި ރާއްޖެއިން ވެސް ދެ ގައުމުގެ ފަރަގު ކުޑަކުރުމަށް ވަރަށް ބޮޑަށް ލުއިތަކެއް ދީފައިވާނެ ކަމަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭ ގޮތުން ރާއްޖެ އާއި ޗައިނާ އިން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ގައި ރަސްމީކޮށް ފެށި މަޝްވަރާތަކުގައި މީގެ ކުރިން ވަނީ ހަތަރު ބުރެއް ބާއްވާފަ އެވެ. އަދި ރާއްޖެއާ އެކު މިފަދަ އެއްބަސްވުމެއް ހެދުމުން ކުރާނެ ފައިދާތައް ދެނެގަންނަން މިދިޔަ އަހަރުގެ ތެރޭގައި ޗައިނާ އިން ވަނީ ދިރާސާއެއް ވެސް ކޮށްފަ އެވެ.

ޗައިނާގެ އިތުރުން ހޮން ކޮންގާ އެކު ކުރާ މިނިވަން ވިޔަފާރީގެ މަސައްކަތަކަކީ ވަކި ގައުމަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ރާއްޖޭން އެކުލަވައިލާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭން ބައިވެރިވެފައި ވަނީ ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ސަފްޓާ)ގަ އެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.