މަޝްރޫއުތަކަށް ވޯޓުލުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

ދެމެހެއްޓެނިވި މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ ދޭ ޕްރޮގްރާމަށް ހޮވުނު ފަސް ޕްރޮޕޯޒަލް އަށް ވޯޓުލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފި އެވެ.


ބީއެމްއެލްގެ ކޮމިއުނިޓީ ޕްރޮގްރާމް، "އަހަރެންގެ ބޭންކް"ގެ ދަށުން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓް" އާ ގުޅޭ ގޮތުން އެ ބޭންކްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ފަސް ޕްރޮޕޯޒަލް އަށް ވޯޓުލުމުގެ ފުރުސަތު އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މިއީ ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދާ ވޯޓެކެވެ.

ދެ ލައްކަ ރުފިޔާ ލިބޭނީ ފަސް ޕްރޮޕޯޒަލްގެ ތެރެއިން ފޭސްބުކްގައި އެންމެ ގިނަ ވޯޓު ލިބޭ ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ބޭންކުން މި ދޭ އެހީއަކީ، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް އެ ޕްރޮޖެކްޓް ހިންގަން،" އޭނާ ވިދާޅުވި އެވެ.

ތިމާވެށި ރައްކާތެރިކުރުމާއި ތައުލީމް އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާއި އެ ނޫން ވެސް އިޖުތިމާއީ ކަންކަން ހިމެނޭ ގޮތަށް މުޖުތުމައަށް ފައިދާ ކުރާނެ ކަންތައްތަކާ ގުޅޭ ގޮތުން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ޕްރޮޕޯޒަލްތަކެއް ލިބުނު ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރާ ޖަމިއްޔަތަކާއި އަމިއްލަ ފަރުދުން ހުށަހެޅި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ވޯޓަށް ހުޅުވާލި ފަސް ޕްރޮޕޯޒަލްގެ ތެރޭގައި ދ. ރިނބުދޫގައި އަތްތެރި މަސައްކަތްތަކުގެ ވީޑިއޯ ހެދުމުގެ ޕްރޮޖެކްޓަކާއި ގދ. ހޯޑެއްދޫގައި އޯގަނިކް ކަލްޗަރަލް ފާމެއް ހިންގުމާ ގުޅޭ މަޝްރޫއަކާއި ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމުކުރުމަށް ހުޅުމާލޭގައި ބައިސްކަލް ބޭނުން ކުރެވޭނެ ޕްރޮޖެކްޓަކާއި ގދ. އަތޮޅުގެ ނުވަ ރަށެއްގައި ކޮމިއުނިޓީ ގާޑެން ތައްޔާރު ކުރުމާ ގުޅޭ މަޝްރޫއަކާއި އަތޮޅު ތެރޭގައި ދިރިއުޅޭ ކުޑަކުދިންނަށް ފޮތް ކިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްކޫލްތަކުގައި ރީޑިން ކޯނާއެއް ގާއިމު ކުރުން ހިމެނެ އެވެ.

މި ޕްރޮގްރާމަށް ހޮވަނީ ދިގު މުއްދަތަކަށް ފައިދާ ލިބޭނެ، ދެމެހެއްޓެނިވި މަޝްރޫއުތަކަށެވެ. ބީއެމްއެލް އިން ބުނި ގޮތުގައި ޕްރޮޕޯޒަލްތައް ދިރާސާ ކުރީ ބޭންކްގެ ސީއެސްއާރް ޓީމުންނެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. މިއީ ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނެކެވެ.