ކަނުހުރާ 42 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަލުން ހުޅުވައިފި

މޮރިޝަސްގެ ސަން ރިސޯޓްސް އިން ހިންގާ ޅ. ކަނުހުރާ ރިސޯޓް މަރާމާތުކުރުމަށް 42 މިލިއަން ޑޮލަރު (647.6 މިލިއަން ރުފިޔާ)ގެ މަޝްރޫއެއް ހިންގައިފި އެވެ.


އެ ކުންފުންޏާ ހަވާލާދީ ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން ކަނުހުރާ ކައިރީގައި އޮންނަ "މަސް ލެއްގިހުރާ" ވެސް ގަނެފައިވާ ކަމަށެވެ.

މީގެ 20 އަހަރު ކުރިން ހުޅުވި އެ ރިސޯޓާ އެކު މިހާރު ތިން ރަށް ހިމެނޭ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ރިސޯޓް އަލުން މަރާމާތުކޮށް ހުޅުވިއިރު އެ ކުންފުނީގެ ސީއީއޯ ޑޭވިޑް އެންޑާސަން ވަނީ ކަނުހުރާގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް، ކުރިން ތައިލެންޑްގެ ރެފަލްސް ހޮޓެލްސް ޖެނެރަލް މެނޭޖަރަކަށް ހުންނެވި ރޮބަޓް ހޯކް އައްޔަންކޮށްފަ އެވެ.

"އަޅުގަނޑުމެން މިހާރު މި ވަނީ މި ރިސޯޓާ އެކު ޖުމްލަ ތިން ރަށެއް ގުޅުވާލާފައި. އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ތަނެއްގައި ވެސް ގެސްޓުންނަށް ހިތްހަމަޖެހިގެން ޗުއްޓީ ހޭދަކޮށްލެވޭނެ ފުރުސަތު ހޯދައިދޭން،" ރޮބަޓް ވިދާޅުވި އެވެ.

ކަނުހުރާގެ ބަޔަކަށް މިހާރު ހަދާފައި ވަނީ މަސްލެއްގިހުރާ އަދި ޖެހުނުހުރާ އެވެ.

ޅ. ކަނުހުރާ ރިސޯޓް ވިއްސަކައަށް އަހަރު ސަން ރިސޯޓްސް އިން ހިންގުމަށް ފަހު މަރާމާތަށް ބަންދުކުރީ އޮގަސްޓް 1، 2015 ގަ އެވެ. އެ ރިސޯޓްގައި އެންމެ މަތީ ފެންވަރުގެ 96 ވިލާ ވަނީ ތަރައްގީކޮށްފަ އެވެ.