ފައިދާ ހޯދައިދޭނެކަމުގެ ވައުދާ އެކު އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކަން ހުޅުވާލައިފި

ކުރިއަށް އޮތް ތަނުގައި ހިއްސާދާރުންނަށް ފައިދާ ހޯދައިދޭނެކަމުގެ ވައުދާ އެކު އުރީދޫ މޯލްޑިވްސް އިން ހިއްސާއެއް 30ރ.ގެ މަގުން ވިއްކަން މި މަހު 30 ގައި ހުޅުވާލަން ނިންމައި، އެކަން މިރޭ އިފްތިތާހުކޮށްފި އެވެ.


މީގެ 11 އަހަރު ކުރިން ރާއްޖޭގައި ޚިދުމަތް ދޭން ފެށި ގަތަރު ޓެލެކޮމް ކުންފުނީގެ ރާއްޖޭގެ ވިޔަފާރިން ވިއްކަން ނިންމީ 59.1 މިލިއަން ހިއްސާ އެވެ. އެއަދަށް ވިކިއްޖެ ނަމަ 1.7 ބިލިއަން ރުފިޔާ ހޯދޭނެ އެވެ. އެކަމަކު ފުރަތަމަ ވިއްކަން ހުޅުވާލަނީ 22 މިލިއަން ހިއްސާ އެވެ.

ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ވަލީދު މުހައްމަދު އަލް ސައްޔިދު ވިދާޅުވީ މިދިޔަ 11 އަހަރު ރާއްޖެއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ އެ ގްރޫޕްގެ ހުރިހާ އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދަނީ ވެސް ރާއްޖޭގެ ކުންފުނިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދަކީ ވަރަށް ތާރީހީ ދުވަހެއް. މިއީ ދިވެހިންނަށް ފައިދާ ހޯދައިދޭނެ ކުންފުންޏެއް. އެ ޔަގީންކަން އަޅުގަނޑު ތިހުރިހާ ބޭފުޅުންނަށާއި ދިވެހިންނަށް ދެން،" އެ ރަސްމިއްޔާތުގައި މުހާތަބުކުރައްވަމުން ވަލީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ މިންވަރު އަހަރުން އަހަރަށް އިތުރުވާނެ ކަމަށެވެ. އަދި ހިއްސާ ގަތް އަގަށް ވުރެ މަތިން ފައިދާ ލިބެން ފަށާނެ ކަމަށް ވެސް ހާލިދު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ވިކްރަމް ސިންހަ ވިދާޅުވީ މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ފައިދާ އެވްރެޖްކޮށް 30 ޕަސެންޓް މައްޗަށް ޖެހިފައިވާ ކަމަށެވެ. އެއާއެކު ކުރިޔަށް އޮތް ތިން އަހަރު އެ ކުންފުނީގެ ފައިދާ 50 ޕަސެންޓަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފައިދާ ބަހާނެ މިންވަރު ކަނޑައަޅާފައި މިވަނީ ބިޒްނަސް ޕްލޭންގައިވާ ގޮތަށް. އިރާދަކުރެއްވިއްޔާ ހިއްސާދާރުންނަށް ހިތްހަމަޖެހޭ މިންވަރުގެ ފައިދާއެއް ދެވޭނެ،" ވިކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2013 ވަނަ އަހަރު އެ ކުންފުނީގެ އާމްދަނީ އަކީ 702 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު 2016 ވަނަ އަހަރު ނިމުނުއިރު އާމްދަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަން ފާހަގަކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެންގެ އާމްދަނީ މިދިޔަ ތިން އަހަރު އިތުރުވަމުން އައި މިންވަރު. އެއާ އެކު އަޅުގަނޑުމެން ހިތްހަމަޖެހޭ މިންވަރުގެ ފައިދާއެއް ވެސް ވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.

މޭ 28 އާ ހަމައަށް ވިއްކާ އުރީދޫގެ ހިއްސާގެ ތެރެއިން ކޮންމެ މީހަކު މަދުވެގެން ގަނެވޭނީ 50 ހިއްސާ އެވެ. އެއީ 30ރ ގެ މަގުން 1،500ރ. އެވެ.

އުރީދޫން ވަނީ ރާއްޖޭގައި އެންމެ ޒަމާނީ މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭން މިހާތަނަށް 190 މިލިއަން ޑޮލަރަށް ވުރެ މަތީ އަދަދެއް އިންވެސްޓްކޮށްފަ އެވެ.

އުރީދޫގެ ހިއްސާ އާއްމުންނަށް ވިއްކަން ހުޅުވާލުން ރަސްމީކޮށް އިފްތިހާކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު ވިކްރަމް ސިންހަ ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު

ވިކްރަމް ވިދާޅުވީ 2013 ވަނަ އަހަރު އެ ކުންފުނީގެ ފައިދާއަކީ ލިބުނު އާމްދަނީގެ 13 ޕަސެންޓް ކަމަށެވެ. އެކަމަކު މިދިޔަ އަހަރު ނިމުނުއިރު އެ މިންވަރު ވަނީ 30 ޕަސެންޓަށް އިތުރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވިކްރަމް ވިދާޅުވި ގޮތުގައި އެ ކުންފުނީގައި 390،000 އަށް ވުރެ ގިނަ ކަސްޓަމަރުން ރާއްޖޭގައި ތިބިއިރު، 90 ޕަސެންޓް ދިވެހިން އެ ކުންފުނީގެ ހިދުމަތް މިހާރު ބޭނުންކުރާ ކަމަށެވެ.

މިދިޔަ ތިން އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ އެވްރެޖްކޮށް 14 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫގެ ހިއްސާ އާއްމުންނަށް ވިއްކަން ހުޅުވާލުން ރަސްމީކޮށް އިފްތިހާކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު. ފޮޓޯ: ހުސެއިން ވަހީދު

ވިކްރަމް ވިދާޅުވީ އުރީދޫގެ ބޭނުމަކީ އެ ކުންފުނިން ހިއްސާ ވިއްކައިގެން ފައިދާ ހޯދައިދިނުމަށް ކުރާ ދަތުރުގައި ހުރިހާ ދިވެހިން ބައިވެރިކުރުން ކަމަށެވެ. އަދި ހިއްސާ ވިއްކައިގެން އެ ކުންފުނިން ހިދުމަތުގެ ފެންވަރުގެ ރަނގަޅުކުރަން އިންވެސްޓްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގައި މި ދާއިރާގައި އިންވެސްޓްކުރުމަކީ ފައިދާހުރި ކަމެއް. އަޅުގަނޑުމެން ކައިރީގައި ބައެއް މީހުން ބުނި ތިކަމުން ރާއްޖޭގައި ފައިދާއެއް ނުލިބޭނޭ. އެކަމަކު އަޅުގަނޑުމެން މިދަނީ ރާއްޖެއިން ފައިދާ ލިބޭނެ ކަން ދައްކަމުން،" ވިކްރަމް ވިދާޅުވި އެވެ.

ތަފާސްހިސާބުތައް ދައްކަވަމުން ވިކްރަމް ވިދާޅުވީ މިދިޔަ އަހަރުތަކުގައި ކުންފުންޏަށް ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 491.3 މިލިއަން ރުފިޔާ ލިބުނެވެ. ކުންފުނީގެ ކެޕިޓަލް ވަނީ 1.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.